ބަންގުލަދޭޝްގައި ތިބި މެޑިކަލް ދަރިވަރުންނަށް ވަޒީފާއަށް ދެވޭނެ ގޮތް ހަމަޖައްސައިދީފިން: ފޮރިން

ބަންގުލަދޭޝްގައި ތިބި މެޑިކަލް ދަރިވަރުންނަށް ވަޒީފާއަށް ދެވޭނެ ގޮތް ހަމަޖައްސައިދީފިން: ފޮރިން

ބަންގުލަދޭޝްއިން މެޑިކަލް އިންޓާންޝިޕް ހަދަމުންދާ ދިވެހި ދަރިވަރުންނަށް ކާފިއު ވަގުތުތަކުގައި ވަޒީފާއަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. މިގޮތުން، މިވަގުތު ޗިޓަގޮންގްގައި ތިބި 75 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކާއި، ހައިކޮމިޝަނުން އަންނަނީ ގަވައިދުން ގުޅައި ހާލުބަލަމުން ކަމަށެވެ. މިދަރިވަރުންނާއެކު، ބަންގްލަދޭޝުގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މައުލޫމާތު ލިބިފައިވާ 99 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން ވަނީ މަޢުލޫމާތު ދީފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޑާކާގެ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރެއް، އެތަނުގެ ޑޯމިޓަރީ ބަންދުކުރުމުން، ހައިކޮމިޝަނުގެ އެހީތެރިކަމާއެކު މިހާރު ވަނީ އެހެން ސަރަޙައްދަކަށް ބަދަލު ކުރެވިފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި، ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހަދަމުންދާ ދަރިވަރުންނަށް ކާފިއު ގަޑިތަކުގައި ވަޒީފާއަށް ނިކުމެ އުޅުމުގައި ލުއި ގޮތްތައް ހައިކޮމިޝަން މެދުވެރިވެގެން ވަނީ ހަމަޖައްސައިދީފައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ބަންގްލަދޭޝުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުށް މިނިސްޓްރީއިން އަންނަނީ ބަންގްލަދޭޝް ސަރުކާރާއި ވާހަކަ ދައްކައި ވަރަށް ގާތުން މަސައްކަތްކުރަމުން ކަމަށެވެ.

މިވަގުތު ބަންގްލަދޭޝުގައި ކާފިއު އިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *