ހުކުރު ދުވަހުގައި ސްކޫލް ހަރަކާތްތައް ނުބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައި، މެމޯއެއް ފޮނުވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް މިއަދު ފޮނުވި އެ މެމޯއެއްގައި ބުނީ ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދެމުންދަނީ ޓީޗަރުންގެ ދުޅެހޮޔޮކަން ދެމެހެއްޓުމަށް ކަމަށެވެ.
އެހެންކަމުން ހުކުރު ދުވަހު ސްކޫލް ހަރަކާތްތައް ބޭއްވުމާއި އެ ދުވަހު ޓީޗަރުން ސްކޫލަށް ނުދިޔުމަށް އަންގާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ނަމަވެސް ހާއްސަ ހާލަތެއް މެދުވެރިގެން ހުކުރު ދުވަހު ހަރަކާތެއް ބާއްވަން ޖެހިއްޖެ ނަމަ، މުދައްރިސުން އެ ހަރަކާތަކަށް ނެރެންވާނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަނުން އެކަމަށް ލިޔުމުން ހުއްދަ ހޯދުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މިއީ އެޑިއުކޭޝަން މިނިސްޓްރީން މި އެންގުން ސްކޫލުތަކަށް އެންގި ދެވަނަ ފަހަރެވެ، ދެވަނަ ފަހަރަށް އެންގުން އަންގަން ޖެހުނީ ފުރަތަމަ ފަހަރުގެ އެންގުމާ އެއްގޮތަށް ސްކޫލުތަކުން އަމަލުނުކުރުމުގެ ސަބަބުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.