ރައީސް ސޯލިހު އެމެރިކާއަަށް ކުރެއްވި ދަތުރުފުޅުގެ ރަސީދު ހާމަކުރަން ނުޖެހޭކަމަށް މި ސަރުކާރުން ބުނެފި

ރައީސް ސޯލިހު އެމެރިކާއަަށް ކުރެއްވި ދަތުރުފުޅުގެ ރަސީދު ހާމަކުރަން ނުޖެހޭކަމަށް މި ސަރުކާރުން ބުނެފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ. ގައި ތަގުރީރު ކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރަސީދުތައް ހާމަކުރަން ނުޖެހޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
މި މައްސަަލައަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ބައިވެރިންގެ ޖުމުލަ އަދަދާއި ނަމާއި އެ ދަތުރުގައި ބައިވެރިވި ހައިސިއްޔަތާއި ދަތުރަށް ޖުމުލަ ހަރަދުވި މިންވަރާއި ވަކިވަކި ކަންކަމަށް ހަރަދުވި މިންވަރު ތަފުސީލުކޮށް އެނގޭނެހެން ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" ނޫހުގެ އެއް ހިއްސާދާރު އަދި މިހާރުގެ މަޖިލިސް މެންބަރު އަހުމަދު އަޒާން އޭރު ހުށަހެޅި މައްސަލައެކެވެ.
އެ ދަތުރުފުޅުގެ ހަރަދާއި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ނަންފުޅުތައް ހިމެނޭ ލިސްޓެއް އެ މައުލޫމާތު ހޯދުމަށް ހުށަހެޅުއްވި ފަރާތައް ރައީސް އޮފީހުން ފޯރުކޮށްދިން ނަމަވެސް ހަރަދުތަކުގެ ރަސީދުތައް ލިބިފައިނުވާތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މުރާޖައާ ކޮމިޓީއަށް 31 އޮކްޓޯބަރު 2021 ގައި އަޒާންގެ ފަރާތުން އެ މައްސަލަ ހުށަހެޅިއެވެ.
ނަމަވެސް ރައީސް އޮފީހުގެ މުރާޖައާ ކޮމިޓީން 15 ޑިސެމްބަރު 2021 ގައި ނިންމި ނިންމުމުގައި ވަނީ ސަރުކާރުން ކުރި ހަރަދުތަކާ
ގުޅޭ ރަސީދުތަކަކީ އޭގައި ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ ލިޔުންތަކެއް ކަމުގައިވާތީއާއި ސަލާމަތީ ސަބަބުތަކަށްޓަކައި ސިއްރުކުރުމަށް ރައީސް އޮފީހުން ނިންމާފައިވާ ލިޔުންތަކެއް ކަމުގައިވާތީ އެ ރަސީދުތައް ދެވެން ނެތް ކަމަށެވެ.
މުރާޖައާ ކޮމިޓީގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން މައުލޫމާތު ހޯދުމަށް އެދުނު ފަރާތުން އެ ނިންމުން އިލްތިމާސް ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 15 ޖަނަވަރީ 2022 ގައި ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު އެ އޮފީހުން 27 ފެބްރުއަރީ 2022 ގައި އެ މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ގޮތަށް ސަލާމަތީ ސަބަބުތަކަށްޓަކައި އުނިކުރަންޖެހޭ މައުލޫމާތު ހުރި ނަމަ އެ މައުލޫމާތެއް އުނިކުރުމަށްފަހު އެދިފައިވާ މައުލޫމާތު މައްސަލަ ހުށަހެޅި ފަރާތަށް، ރަސްމީ ފަސް ދުވަހުގެ ތެރޭގައި ދިނުމަށް ކަނޑައެޅިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުން ހުކުމް ކޮށްފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަަމަށް ކަނޑައަޅައި، އެ ނިންމުމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކުރާ ކަމަށެވެ.
ދައުލަތުގެ ފަރާތުން ހައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅުއްވަމުން، ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ދަތުރުފުޅަށް ކުރި ހަރަދުގެ ރަސީދުތައްވެސް ހިމެނޭހެން އެ މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމީ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ.
އަދި ގާނޫނު ބުނާ ގޮތުން ރަސީދުތަކާ ނުލައިވެސް އެ މައުލޫމާތު ހާމަކުރެވިދާނެ ކަމަށާއި ގާނޫނުގައި ހާމަކުރަން ބުނާ މައުލޫމާތުތަކުގެ ތެރޭގައި ރަސީދުތައް ނުހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލާގައި ބުނާ މައުލޫމާތު ތަފުސީލުކޮށް ވަކިވަކިން އެނގޭ ގޮތަށް ހާމަކުރި ނަމަވެސް އެކަންކަމަށް ހައިކޯޓުން ރިއާޔަތް ކޮށްފައިނުވާ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
އެހެންކަމުން މައުލޫމާތެއް ހާމަކުރާއިރު ކޮންމެހެން ރަސީދުތައް ދޭން ނުޖެހޭނެ ކަމަށާއި އެ ރަސީދުތަކުގައި ހުރި މައުލޫމާތުތައް އެހެން ލިޔުމެއްގައިވެސް ފޯރުކޮށް ދެވިދާނެ ކަމަށް ގާނޫނު ބުނާ ކަަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ހައިކޯޓުން އެންގީ ރަސީދުތައް ދިނުމަށް ކަމަށް ދައުލަތުން ބުންޏެވެ.
އެހެންވެ ހައި ކޯޓުގެ ނިންމުން ބާތިލުކުރަން ދައުލަތުން ވަނީ އެދިފައެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *