ވަޒީރުންނާ ސުވާލު ކުރަން މަޖިލީހަށް ނުގެނެވޭ ގޮތަށް ގަވާއިދު ބަދަލު ކުރަން އެދިއްޖެ

ވަޒީރުންނާ ސުވާލު ކުރަން މަޖިލީހަށް ނުގެނެވޭ ގޮތަށް ގަވާއިދު ބަދަލު ކުރަން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ މަސައްކަތްތަކާ ބެހޭގޮތުން ވަޒީރުންނާ ސުވާލު ކުރެއްވުމަށްޓަކައި، ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމަށް މަޖިލިސް ގަވާއިދުގައި މިހާރު އޮތްގޮތް، ބަދަލުކޮށް ވަޒީރުން މަޖިލީހަށް ހާޒިރު ކުރަން ނުޖެހޭ ގޮތަށް މަޖިލިސް ގަވާއިދު ބަދަލު ކުރަން، ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެދިވަޑައިގެންފިއެވެ.
ފަލާހު މިކަމަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު އާ ކުރައްވަމުން ގެންދެވި ސުވާލުތަކާއި ގުޅިގެންނެވެ.
މިނިސްޓަރާ ސުވާލު ކުރައްވުމަށް ކުރިއަށް ގެންދެވި ވަގުތުގެ ތެރެއިން ފުރުސަތު ހޯއްދަވައިގެން ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އިދިކޮޅު "އެމްޑީޕީއަށް ނަސޭހަތެއް" ދެއްވަން ބޭނުންވާ ކަމަށެވެ.
ދެން ވިދާޅުވީ، ކުޅިވަރާބެހޭ ވަޒީރަކީ ޒުވާނުންނަށް އެންމެ ހާއްސަ ވަޒީރު ކަމަށާއި، އެ ވަޒީރު ކޮންމެ ދުވަހަކު މަޖިލީހަށް ހާޒިރުކޮށް ކަމެއް ނެތް ކުދިކުދި ސުވާލު ކުރުމަށް ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީ މެންބަރުން ހުއްޓާލަންޖެހޭ ކަމަށެވެ.
"ބަނގުރޫޓުކޮށްލާފައި އޮތް ޕްރޮޖެކްޓް ތަކަށް ވަޒީރުންނާ ސުވާލު ކުރުމަށް ތިގެންނަވަނީ ކީއްވެގެންތޯ،" ފަލާހު ސުވާލު ކުރެއްވިއެވެ.
އެއާއެކު، ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމަށް މަޖިލިސް ގަވައިދުގައި އޮންނަ މާއްދާއަށް އޭނާ ގެންނަން ބޭނުންވާ އިސްލާހުގެ ހިޔާލެއް މަޖިލިސް ރައީސަށް ދެއްވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ވަޒީރަކު، ރައްޔިތުންގެ މަޖލީހުގެ މެމްބަރަކު ދާއިރާއާ ބެހޭގޮތުން ސުވާލެއް ފޮނުވައިގެން ތިން ދުވަސް ތެެރޭ ޖަވާބު ނުދީފިއްޔާ ނޫނީ މަޖިލީހަށް ހާޒިރު ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ، މިއީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހު ކުރާއިރު، ރަނގަޅު ކަމެއްކަން ނޭނގެ އަޅުގަނޑަށްް ހީވަނީ ބަލާލަން،" ފަލާހު ވިދާޅުވި އެވެ.
ފަލާހު މިހެން ވިދާޅުވިއިރު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް އާންމު ކޮމިޓީން މިހާރު ދަނީ ކުރަމުންނެވެ. އެކަން ނިމެންދެން އަމަލު ކުރަމުން އަންނަނީ، ނިމިދިޔަ 19 ވަނަ މަޖިލީހުގައި އަމަލު ކުރަމުން ގެންދިޔަ ގަވައިދަށެވެ.
އެ ގަވާއިދުގައި ވާގޮތުން މެންބަރުންނަށް ވަޒީރުންނާ ލިޔުމުން ވެސް އަދި ވަޒީރު މަޖިލީހަށް ހާޒިރު ކޮށްގެންވެސް ކުރަން ބޭނުންވާ ސުވާލަކަށް ޖަވާބު ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މެންބަރު އެކަމަށް އެދެން ޖެހެނީ، މަޖިލީހުގެ ރައީސް މެދުވެރިކޮށް ވަޒީރަށް ފޮނުވާ ނޯޓިސް އަކުން ކަމަށާއި، އެ ނޯޓިސްއަށް ޖަވާބުދާރީ ވުމަށް 14 ދުވަހުގެ މުއްދަތެއް މަޖިލީހުގެ ރައީސް ވަޒީރަށް ދޭންޖެހޭ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *