ގާނޫނާ ހިލާފު ހުރިހާ އެއްޗެއް ރާއްޖެ ގެނެވޭ، މޮނިޓާއެއް ނުކުރެވޭ: ކަސްޓަމްސް

ގާނޫނާ ހިލާފު ހުރިހާ އެއްޗެއް ރާއްޖެ ގެނެވޭ، މޮނިޓާއެއް ނުކުރެވޭ: ކަސްޓަމްސް

ރާއްޖެއަށް އެތެރެކުރުން މަނާކަމަށް ގާނޫނާއިގަވާއިދުގައި ކަނޑައަޅައިފައިވާ ކޮންމެ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ދޮރު ހުޅުވިފައިވާ ކަމަށާއި، ސަލާމަތީ ކަންތައްތައް ރަނގަޅަށް މޮނިޓާ ނުކުރެވޭ ކަމަށް މޯލްޑިވްސް ކަސްޓަމްސްސް ސާވިސަސްއިން ބުނެފިއެވެ.
ކަސްޓަމްސްގެ އިސްވެރިން ހާޒިރުކޮށްގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުމުގައި ރާއްޖެ އެތެރެކުރާ މަސްތުވާ ތަކެތީގެ މައްސަލަތަކާއި، މުޖުތަމައަށް ފެތުރެމުންދާ ބަނގުރަލުގެ މައްސަލަަތަކާ ބެހޭގޮތުން މެންބަރަކު ކުރެއްވި ސުވާލާ ގުޅިގެން ކަސްޓަމްސްގެ އިސް އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަދި އޮންނަނީ ކޮންމެ އެއްޗެއްވެސް އެތެރެ ކުރެވޭނެ ފުރުސަތު ލިބޭގޮތަށް ކަމަށެވެ.
"ހަމައެކަނި މަސްތުވާތަކެއްޗެއް ނޫން އެތެރެވަނީ، ރަނާއި ސިނގިރޭޓާއި އެގޮތަށް ގާނޫނާހިލާފު ހުރިހާ އެއްޗެއް ގެނައުމުގެ ދޮރުވަނީ ހުޅުވިފައި، ހަތިޔާރު ގެނައުމަށް މީހަކު ނިޔަތް ނުގަންނަނީ، އެކަމަށް ވެސް ދޮރު ހުރީ ހުޅުވިފައި،" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކަސްޓަމްސްގެ އޮފިސަރުން ތިބެނީ ބަނދަރުގައި ކަމަށާއި، އެހެންކަމުން ކަސްޓަމަށް ބެލެނީ އުޅަނދު ބަނދަރާ ހިސާބަށް އައުމުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަކީ ވަރަށް ބޮޑު ސަރަހައްދެއްކަމުން، އުޅަނދު ބަނދަރާ ހަމައަށް ނައިސް ކިތަންމެ ކަމެއް ކުރުމުގެ ފުރުސަތު ފަހިވެފައި އޮންނަ  ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ސިޔާދަތީ ބާރު މި ލިބެނީ 12 މޭލަށް އެ 12 މޭލު ހިނގާ ސަރަހައްދުވެސް ރަނގަޅަށް ނުބެލެހެއްޓޭ، އެހެންކަމުން އެ އަންނަ އުޅަނދުގައި އެ ގެންނަނީ ކޮން އެއްޗެއްތޯ ބެލެން އޮންނަނީ އުޅަނދު ބަނދަރުކުރީމަ، އޭގެ ކުރިން އޮންނަނީ ހުޅުވިފަ އޮތް ކަނޑެއް، ގެންނަންވީ ހަމަ ގެންނާނެ އެއްޗެއް ގެނެސްފަ ކަޑުމަތިން އެތަކެތި ލޯކަލް އުޅަނދުފަހަރަށް އަރުވައިގެންގޮސް ފަޅުރަށްރަށަށް،"
އެކަންތައްތައް ހުއްޓުވުމަށް ޓަކައި ރާއްޖޭގައި ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ހަރުދަނާ ކުރުމަށް ކުރަން ހަމަޖެހިފައިވާ ކަންތައްތަކާބެހޭ މައުލޫމާތު ކޮމިޓީއަށް ދެއްވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން އުޅަނދުފަހަރު މޮނިޓާ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކަމަށްޓަކައި ބޭނުންވާ ޑްރޯން ޗައިނާ އާއި އެމެރިކާއިން ލިބޭގޮތް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޑްރޯންގެ އިތުރުން ޖަޕާނާއި ޗައިނާއިން އިތުރު ކަނޑުގެ އުޅަނދުފަހަރު ލިބޭ ގޮތަށް ހަަމޖެހިފައިވާ ކަމަށެވެ.
ޑްރޯން ބޭނުންކޮށްގެން އުޅަނދުފަހަރު މޮނިޓާ ކުރާނީ، މައްސަލައެއް އުޅޭކަން ފާހަގަވެއްޖެ ހިނދެއްގައި އެ ހިސާބަށް ލޯންޗު ފޮނުވާގޮތަށް ކަމަށް ވިދާޅުވިއެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *