މަޖިލީހުގެ ރިޔާސަތުން، މެމްބަރު މުޙަންމަދު އިސްމާއީލަށް އިންޒާރެއް

މަޖިލީހުގެ ރިޔާސަތުން، މެމްބަރު މުޙަންމަދު އިސްމާއީލަށް އިންޒާރެއް

މަޖިލީހުގެ ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އަންގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީގެ މެންބަރު ވިލިމާލެ ދާއިރާގެ މެންބަރު މުަހައްމަދު އިސްމާއީލަށް އިންޒާރު ދެއްވައިފިއެވެ.

މަޖިލިސް ރައީސް، މެންބަރު މުހައްމަދު އިސްމާއީލަށް އިންޒާރު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ، މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލު ކުރެއްވުމުގައި އަމަލު ކުރެއްވި ގޮތުންނެވެ. މިނިސްޓަރާ ސުވާލު ކުރެއްވުމަށް ދެއްވި ފުރުސަރުގައި މެންބަރު ވިދާޅުވީ، ދެތިން ސުވާލެއް މިނިސްޓަރާ ކުރައްވަން އެބައޮތް ކަމަށެވެ.

ސުވާލު ފައްޓަވަމުން މެންބަރު ވިދާޅުވީ ސަރުކާރުތައް ބަދަލުވެގެން، އާ ސަރުކާރުތައް ފެށިގެން އަންނަ ކޮންމެ ފަހަރަކު ވިލިމާލެ ކިޔައިގެން ވާހަކަތައް ދައްކާއިރު ވޯޓަށް ބޭނުން ވެގެން ނޫނީ ވިލިމާލެ ރައްޔިތުން އެއްވެސް ސަރުކާރަކަށް ފެންނަމުން ނުދާކަން ފާހަގަވާ ކަމަށެވެ. އޭގެއިތުރުން ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދާއިރު ވިލިމާލެ ރައްޔިތުންނަށް ލިބެމުންދާ އުނދަގޫތަކާއި ކަންބޮޑުވުންތައް އަދިވެސް އޮތީ ހަމަ އެގޮތުގައި ކަމަށްވެސް މެންބަރު ފާހަގަ ކުރެއްވިއެވެ.

"މިއަދު ބްރިޖެއް އަޅަން ބަޔަކާ ހަވާލު ކުރެވިގެން ދިޔައިރު، އެ ބްރިޖް ކޮންޓްރެކްޓްގައި އެބައިން ފަޅު ހިއްކައިގެން މަގެއް ހަދައިގެން ބްރިޖުގައި މަސައްކަތް ކުރާނެ ވާހަކަ، އެހެން ނަމަވެސް އެރަށުގެ ރައްޔިތުންނަށް ވަަރަށްބޮޑު އުނދަގުލަކާ ތަކުލީފެއް މިއަދުވެސް ދިމާވަމުންދާ މައްސަލައެއް އެއީ. މިއަދުވެސް ވިލިމާލޭގައި އޮތް މަގު ބޭނުން ކޮށްގެން އެމަގު ހަލާކުވެ ފުނޑުފުނޑު ވަމުންދާ މައްސަލައިގައި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުން އެބައޮތް، ކިރިޔާ ވިއްސާރަ ކޮޅެއް ވެހިލާއިރަށް އެތާ ފެންބޮޑުވެފައި އެ އޮންނަނީ،" ވަރަށް އަޑު ގަދަކޮށް ހިތްހަމަނުޖެހިފައި ހުންނަވައިގެން މެންބަރު ވިދާޅުވިއެވެ.

މެންބަރު މުހައްމަދު އިސްމާއީލްގެ ވާހަކަ އެހިސާބުން ރިޔާސަތުން ހުއްޓުވިއެވެ. ވާހަކަ ހުއްޓުވުމާއި ގުޅިގެން އިތުރަށް ރުޅި ގަދަވެ މައިކާ ނުލައި މެންބަރު އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ.

އެކަމާގުޅިގެން، މަޖިލިސް ތަޅުމުގައި ބޭނުން ގޮތަކަށް އަޑުގަދަ ކުރައްވަން ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ މަޖިލިސް ރައީސް މެންބަރުގެ ވާހަކަ ހުއްޓުވިއެވެ. އަދި މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މެންބަރަށް އިންޒާރު ދެއްވިއެވެ. އަދި މެންބަރު އިށީނދެ ވަޑައިގެންނެވުމަށް އަންގަވައި، މަޖިލިސް ރައީސް ވިދާޅުވީ މެންބަރު މުހައްމަދު އިސްމާއީލް އަމަލު ކުރައްވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތަކުރާތުކޮށް މެންބަރަށް އިންޒާރު ދެއްވިއެވެ.

އެއަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، މެންބަރުން ސުވާލު ކުރަން ވަޒީރުން މަޖިލިސް ތަޅުމަށް ގެނައުމަށްފަހު، އެދުވަހު ވަޒީރާ ކުރެވޭ ސުވާލާއި އެއްގޮތަކަށްވެސް ދިމާނުވާ ހިސާބުން މަޖިލީހުގެ ފުރުސަތު ނަންގަވައިގެން ބޭނުންވާ ވާހަކައެއް ދައްކަވަން ރިޔާސަތުން މެންބަރުންނަށް ފުރުސަރު ނުދެއްވާނެ ކަމަަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *