ނެއިބަހޫޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖެއަށް އެހީތެރިވާން ޝައުގުވެރިވޭ: އިންޑިޔާގެ ރައީސް

ނެއިބަހޫޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖެއަށް އެހީތެރިވާން ޝައުގުވެރިވޭ: އިންޑިޔާގެ ރައީސް

އިންޑިޔާގެ ޚާރިޖީ ސިޔާސަތެއް ކަމަށްވާ "ނެއިބާހޫޑް ފަސްޓް ޕޮލިސީ"ގެ ދަށުން ރާއްޖެއަށް، އެހީތެރިކަން ފޯރުކޮށް ދިނުމަށް ޝައުގުވެރިވާ ކަމަށް އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫއާ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މުރުމޫ ވަނީ މިއަދު އިންޑިޔާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބައްދަލު ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި މުރުމޫ ވިދާޅުވީ ވަރަށް ވަގުތުކުޑަތަން ވެފައި ވަނިކޮށް ދެއްވި ދައުވަތު ގަބޫލު ކުރައްވައި އިންޑިޔާގެ ބޮޑުވަޒީރު ހުވާ ކުރެއްމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މުއިއްޒު ވަޑައިގެންނެވުމަކީ ދެ ގައުމުގެ ގާތްގުޅުން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.

މުރުމޫ ވަނީ ރާއްޖޭގައި އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުން ސުޕާ މެޖޯރިޓީ ހޯދާފައިވާތީ އެކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒަށް މަރުހާބާ ވިދާޅުވެފަ އެވެ.  އަދި އިންޑިއާ ސަރުކާރުގެ "ނެއިބާހުޑް ފަސްޓް ޕޮލިސީ" ފާހަގަކުރައްވައި ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދިނުމުގެ ޝައުގުވެރިކަން މުރުމޫ ފާހަގަ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އިންޑިއާ ސަރުކާރުން އެމަނިކުފާނަށް އަދާކުރެއްވި މެހުމާންދާރީ ފާހަގަކުރައްވައި އިންޑިއާގެ ރައީސަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރައީސް މުއިއްޒު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މީގެ އިތުރުން ދެގައުމުގެ ދެމެދު އޮންނަ ތާރީޚީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމާއި، ދެގައުމުން ގުޅުން ބަދަހި ކޮށްފައިވާ ދާއިރާ ތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެ ބައްދަލު ކުރެއްވުމަށް ފަހު ރައީސް މުއިއްޒު ވަނީ އިންޑިޔާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގެ މެހުމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *