މީޑިއާތައް 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި ބަހުސް ހޫނުވެފައި ވަނިކޮށް ދައުރު ނިންމާލައިފި

މީޑިއާތައް 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި ބަހުސް ހޫނުވެފައި ވަނިކޮށް ދައުރު ނިންމާލައިފި

މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ބަދަލުކޮށް، މީޑިއާ ކޮމިޝަންގެ ބިލު މަޖިލިހަށް ހުށަހަޅައި ބިލުގެ އިބުތިދާއީ ބަހުސް ހޫނުވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަަހަރުގެ ދެވަނަ ދައުރު ނިންމާލައިފި އެވެ.

އަމިއްލަ ހައިސިއްޔަތުން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

ބިލުގެ އިބުތިދާއީ ބަހުސްގައި އިދިކޮޅު އެމްޑީޕީ އަދި ޕީއެންސީގެ މެންބަރުން ބައިވެރިވެޑައިގެން ވާހަކަ ދެއްކެވި އެވެ.

މަޖިލިސް ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު ފުރަތަމަ ކިޔުން އިއްވައި އިބުތިދާއީ ބަހުސް ފަށާފައިވާ މީޑިއާގެ ބިލަށް ހުރިހާ މެންބަރުންވެސް ވާހަކަ ދައްކަވަން ބޭނުންވާ ކަމަށެވެ. އަދި މިހާތަނަށް ވާހަކަ ދެއްކެވި މެންބަރުންގެ ވާހަކައިން އެ ބިލު އިތުރަށް ދިރާސާ ކުރަން ބޭނުންވާކަން ހާމަވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ގަސްތު ކުރަނީ މި ބިލުގެ ބަހުސް މިއަދަށް ނިންމާލަން، ނިންމާލާފަ އިއްޒަތްތެރި މެންބަރުން ބިލު ރަނގަޅަށް ދިރާސާ ކުރައްވައިގެން ވަޑައިގެން މި ބިލަށް ހަގީގަތުގެ މައްޗަށް ވާހަކަ ދައްކާނެ ޖާގަ ދިނުމުގެ ގޮތުން މިހާ ހިސާބަށް މިއަދަށް މި ބިލުގެ ބަހުސް އަޅުގަނޑު ނިންމާލާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެއަށްފަހު އަބްދުއްރަހީމް ވަނީ މަޖިލީހުގެ މިދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ދެއްވައިފައެވެ. އެގޮތުން މި ދައުރުގައި 7 ބިލުގެ މަސައްކަތް ނިންމައި ފާސްކޮށްފައި ވާކަން ފާހަގަ ކުރެއްވި އެވެ.

އެއަށްފަހު މަޖިލީހުގެ މިދައުރު ނިންމާލިކަން ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު މި މަހުގެ 21ގެ ނިޔަލަށް ދަންމާލަން މަޖިލީހުން ފާސްކުރީ މިދިޔަ ހަފުތާގަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މި މަހުގެ 15 އަށް މި ދައުރު ނިމޭނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *