* މީޑިޔާތަކުގެ ހުއްދަ ބާތިލުކުރާ ކައުންސިލެއްގެ ރިޔާސަތު ބަލަހައްޓަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން މީހަކަށް ވުމަކީ ނުރައްކަލުން
* ނޫސްވެރިކަމުގެ މިނިވަންކަން ނަގާލަން ސަރުކާރަށް ފުރުސަތު ނުދިނުމަށް ނޫސްވެރިންނާއި މަޖިލިސް މެމްބަރުންނަށް ގޮވާލެއްވި
ޚުދުމުޚްތާރު ވެރިކަމެއްގެ އެންމެ އަސާސީ ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ފޮނުއްވި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަން ވަނީ ތާވަލްކޮށްފަ އެވެ. އެ ބިލުގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެތެރެއިން ތިން މެންބަރުންނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާ ތަކަށް އެކަންޏެވެ.
އެ ބިލާ ގުޅިގެން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުން ތަކެއް ތިއްބަވައިގެން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބޭފުޅަކު ރިޔާސަތު ބަލަހައްޓަވައިގެން ނޫސްވެރިކަން ރެގިއުލޭޓް ކުރުމަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް މި ސަރުކާރުން އަޅާ އިތުރު ފިޔަވަޅެއް ކަމަށެވެ.
"ޚުދުމުޚާތާރު ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން ނޫސްވެރިކަަން ނެތިކޮށްލުން. ނޫސްވެރިން ތާއަބަދު ބިރުވެރިކަމާއި ނުތަނަވަސް ކަންމަތީ ބޭތިއްބުން" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ނޫސް މީޑިއާތަށް ބޮޑެތި އަދަދު ތަކުން ޖޫރިމާނާކޮށް، މީޑިއާތަކުގެ ލައިސަންސް އާއި ނޫސް ތަކުގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ރިޔާސަތު ބަލަހައްޓަވާ ކައުންސިލަކަށް ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.
އެއީ ރާއްޖެއިން ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީއަށް ކުރިމަތި ވެގެންދާ ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.
އެތައް ގުރުބާނީއަކުން މިއަދާއިހަމައަށް ދަތުރު ކޮށްފައި އޮތް ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް ސަރުކާރަށް ފުރުސަތު ނުދިނުމަށް ހުރިހާ ނޫސްވެރިންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލާ ކަމަަށް ޝާހިދު ވިދާޅުވި އެވެ