ޕީއެސްއެމްގެ އެތެރޭގެ ޚިޔާނަތެއް: ކުންފުންޏަށް 4 މިލިއަން ރުފިޔާ ނުލިބި ވަނީ ގެއްލިފައި

ޕީއެސްއެމްގެ އެތެރޭގެ ޚިޔާނަތެއް: ކުންފުންޏަށް 4 މިލިއަން ރުފިޔާ ނުލިބި ވަނީ ގެއްލިފައި

ޑޮލަރު މާރު ކުރުމަށް ޕީއެސްއެމުން ހިންގާފައިވާ މުއާމަލާތް ތަކުން ލިބެންޖެހޭ ހަތަރު މިލިއަން ރުފިޔާ ނުލިބި ގެއްލިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒީނާ ވިދާޅުވީ އެ މުއާމަލާތަކީ 2020 ވަނަ އަހަރުގެ ތެރޭގައި ކުރިއަށްދިޔަ މުއާމަލާތެއް ކަމަށެވެ. ޕީއެސްއެމްގެ ފައިނޭންސް ހެޑްގެ މަގާމުގައި ހުންނެވި އަހުމަދު ހަނީފު، ކުންފުނީގެ މެނޭޖުމަންޓައް ނާންގައި އަމިއްލަ ފަރާތަކާ ގުޅިގެން ޑޮލަރު މާރުކޮށްފައިވާ ކަމަށާއި އޭނާ އެކަންކުރީ ކުންފުނީގެ ޤަވާއިދާ ހިލާފަށް ކަމަށް ޒީނާ ވިދާޅުވިއެވެ.

"ކުންފުނީގެ ބަޖެޓުން ޑޮލަރު ގަތުމަށްޓަކައި 2020 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، ޝައްކު އުފެދޭ ފަދަ ގޮތަކަށް މުއާމަލާތްތައް ހިންގާފައިވާކަން ފާހަގަ ކުރެވުމާއެކު، އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ވާނީ އަޅާފައި،" ޒީނާ ވިދާޅުވިއެވެ.

"ލިޔެކިޔުން ތަކުން އެބަ ދައްކާ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ހުރި ކަމަށް. އަޅުގަނޑުމެން ހަވާލުވި އިރު ޕީއެސްއެމްގެ ތިޖޫރީގައި އެންމެ ފައިސާއެއް ވެސް ނެތް. ޕީއެސްއެމްގެ ޑޮލަރު އެކައުންޓުގައި ވެސް އެންމެ ޑޮލަރެއް ނެތް،" ޒީނާ ވިދާޅުވިއެވެ.

ހަނީފު މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށް ޒީނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހަނީފުގެ އިންޓަގްރިޓީއާ ގުޅޭ މައްސަލައެއް 2017 ވަނަ އަހަރު ކުންފުނީގެ ފަރާތުން ފުލުހަށް ވެސް ހުށަހަޅައިފައިވާ ކަމަށެވެ.

"މި މައްސަލަ ކުރިއަށް ދާއިރު އަޅުގަނޑުމެން، މުވައްޒަފުންގެ ފަރާތުންވެސް ޝަކުވާ އެބައާދޭ. އޭރުގެ ފައިނޭންސް ހެޑަކަށް ހުންނެވި ބޭފުޅާ، އެ މުވައްޒަފުންގެ އަތުން 50،000ރ، 60،000ރ، 80،000ރ ނަގާފައި. އެ ރުފިޔާ އަނބުރާ ނުލިބި ހުރި ކަން،" އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *