ފަލަސްތީނަށް، އދ.ގެ ފުރިހަމަ މެންބަރުކަން ލިބިދިނުމަށް ގޮވާލައި ޔުނައިޓެޑް އަރިބި އެމިރޭޓްސް (ޔޫއޭއީ)ން ހުށަހެޅި ގަރާރު، އދ.ގެ އާންމު މަޖިލީހުން ރޭ ފާސް ކުރުމަކީ އިންސާފު ހޯދުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް ލިބުނު ތާރީޚީ ބޮޑު ކާމިޔާބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އ.ދ. އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ޔޫއޭއީއިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ޤަރާރެއް ހުށަހަޅައިފައެވެ. އެ ޤަރާރުގައި ޔޫއޭއިން ބަޔާން ކޮށްފައި ވަނީ ފަލަސްތީނަކީ އދ.ގެ މެމްބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށާއި އދ.ގެ ގައުމު ތަކުގެ ބޮޑު ތާއީދެއް ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް އޮންނަ ކަމަށެވެ. އެ ޤަރާރު ރާއްޖެއިން ވަނީ ކޯ-ސްޕޮންސަރ ކޮށްފައެވެ.
ޔޫއޭއީން ހުށަހެޅި އެ ޤަރާރަށް 143 ގައުމަކުން ވަނީ ތާއީދު ކޮށްފަ ވޯޓު ދީފައެވެ. ޤަރާރާ ދެކޮޅަށް 9 ގައުމަކުން ވޯޓު ދިންއިރު، އެއްވެސް ކޮޅަކަށް ވޯޓުދޭން 25 ގައުމަކުން ބޭނުމެއް ނުވިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ވަންތަ ކަމުގެ ހައްގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އެތައް ދުވަހެއް ވެފައިވާ ކަމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބިގެން ދިޔުމަކީ ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ކާމިޔާބީ އެއް ކަމަށެވެ.
"ފަލަސްތީނު ރައްޔިތުންގެ ގުޑުވައިނުލެވޭ ހިތްވަރާއި ވިލުންވެރިކަމުން ދިވެހިންވެސް ނަމޫނާ ލިބިގަންނަން،" ރައީސް ވިދާޅުވިއެވެ.
އެ ޤަރާރު ފާސް ކުރުމަށް ވޯޓު ދީފައިވާ ގައުމުތަކަށް ރައީސް ވަނީ ވަނީ މަރުހަބާ ވިދާޅުވެފައެވެ. މީގެއިތުރުން ރައީސް ވިދާޅުވީ 1967 ވަނަ އަހަރުގެ ބޯޑަރު ތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރި ރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.