ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެކަން ހާމަކޮށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ނިމިފައިވަނީ އިއްޔެ ކަމަށެވެ. ގުޅިފަޅު ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގުޅީފަޅު ހިއްކުމުގެ މަޝްރޫއަކީ ޔޫރަޕުގެ ބޭންކު ތަކަކުން ލޯނު ނަގައިގެން، ސަރުކާރުގެ ބަޖެޓުންވެސް ޚަރަދުކުރާ ގޮތަށް ނެދަލޭންޑްސްގެ ބޮސްކާލިސްއާ ހަވާލު ކޮށްގެން ހިންގި މަޝްރޫއެކެވެ. ގުޅިފަޅުން 192 ހެކްޓަރު ހިއްކާފައިވެއެވެ.
ނިމިދިޔަ ސަރުކާރު ގުޅިފަޅު ތަރައްގީ ކުރުމަށް ނިންމި ޕްލޭންގައި ވަނީ ވަނީ އެތަނުގައި ބައިނަލް އަޤުވާމީ ޕޯޓެއް ހެދުމަށް ނިންމައިފައެވެ. އަދި ވަނީ ގުޅިފަޅުން މާލޭ މީހުންނަށް ގޯތި ދޫކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ޕޯޓު، ތިލަފުށިއަށް ބަދަލުކޮށްފައެވެ. މި ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުގައި ހަމައެކަނި ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށެވެ.
ކުރީ ސަރުކާރުން ތައްޔާރުކުރި ލޭންޑް ޔޫޒް ޕްލޭން ވެސް ބަދަލުކޮށް މި ސަރުކާރުން ވަނީ އާ ލޭންޑް ޔޫޒް ޕްލޭނެއް ގުޅިފަޅަށް ހަދައިފައެވެ. ލޭންޑް ޔޫޒް ޕްލޭންގައިވާ ގޮތުން ގުޅިފަޅުން ވަނީ ގޯއްޗަށާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަހައްދެއް ކަނޑައަޅައިފިއެވެ.
ގުޅިފަޅުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވާއިރު، ޕާކުތަކާއި ކުޅިވަރު ކުޅޭނެ ތަންތަނަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އޭގެއިތުރުން އިޤުތިސޯދީ މަސައްކަތް ތަކަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އެ ބިން ޚާއްސަ ކުރަނީ އިންޑަސްޓްރިއަލް މަސައްކަތް ތަކަށާއި ސިޓީ ހޮޓާތައް ތަރައްގީ ކުރުމަށެވެ.