މަސްތުވާތަކެތީގެ މުއާމަލާތްތަކާއި ހަށިވިއްކުމަށް ހާއްސަކޮށްގެން ޓެލެގްރާމް ޗެނެލް ހިންގި މައްސަލައިގައި ހިމެނޭ ޓެކްސީ ޑްރައިވަރު ހައްޔަރު ކޮށްފިއެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ހުއްދަ ނޫން އެތައް ވިޔަފާރިއެއް ހިންގަމުން ދިޔަ ޓެލެގްރާމް ގުރޫޕްތަކެއްގެ މައްސަލަ ތަހުގީގުކޮށް އެ ޗެނަލްތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ވަނީ މިދިޔަމަހުގެ ހަ ވަނަ ދުވަހު ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ އެ ޗެނަލް ހިންގި މީހުންގެ އެކައުންޓް ތަކުން ދެ މިލިއަނަށްވުރެ ގިނަ ފައިސާ ދައުރުކޮށްފައިވާ ކަމަށެވެ.
ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ ސްކޭމް އެލާޓް، ޖަޒީރާ ލިންކް ހަބަރު އަދި ޖަޒީރާ އެސްކޯޓް ގެލެރީގެ ނަމުގައި ހިންގި މި ޓެލްގްރާމް ޗެނެލްތަކުގެ މައްސަލައިގައި ހަތަރު ތަނެއް ބަލައި ފާސްކޮށް މިދިޔަ މަހު ފުލުހުން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެކެވެ. އެއީ ދެމަފިރިންނެވެ.
އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތައް:
މަނީ ލޯންޑަރިން
ހަށިވިއްކުން
ހަށިވިއްކުމަށް ހިތްވަރު ދިނުން
ޑްރަގް ޓްރެފިކިން
އޮރިޔާން ކާޑު އުފެއްދުން
އޮރިޔާން ކާޑު ބެހުން
ފޯޖު ޑޮކިއުމެންޓް ތައްޔާރުކުރުން
ފުލުހުން ބުނީ އެ މީހުން އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރި ނަމަވެސް އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ރޯލްވެފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އިތުރު ބައެއްގެ ބައިވެރިވުން އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ. އެ ޗެނަލްތައް މެދުވެރިކޮށް ހަށި ވިއްކަން ގިނަ އަދަދެއްގެ ބިދޭސީ މީހުން ރާއްޖެ ގެނެސްފައިވާ ކަމަށާއި ދިވެހިންވެސް ޝާމިލުވާ ކަމަށް ބުނެފައިވެއެވެ. އަދި، ހަށިވިއްކަން މީހުން އެކި ތަންތަނަށް އުފުލަނީ އެކަމަށް ހާއްސަ ޓެކްސީއެއްގައި ޓެކްސީ ޑްރައިވަރާވެސް ގުޅިގެން ކަމަށްވެސް އޭރު ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ޗެނެލްގައި ގާތްގަނޑަކަށް 7000 އަށްވުރެ ގިނަ މީހުން ހިމެނޭކަަން ފާހަގަކުރެވޭ ކަމަށެވެ.
ފުލުހުން މިއަދު ބުނީ އެކަންކަމުގައި އެހީތެރިވެދިން ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.