ދިރިއުޅުމަށް ދޫކުރާ ގޯތި ލިބުނު މީހުންގެ ލިސްޓު ނެރޭތާ ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލު ކުރުން ލާޒިމު ކުރުމަށް ބިމާބެހޭ ޤާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ހުށަހެޅުއްވި ބިލުގައި ތިން ބައެއް ޤާނޫނަށް އިތުރު ކުރަން ވަނީ ހުށަހަޅުއްވައިފައެވެ.
މީކާއީލް ވިދާޅުވީ ޤާނޫނަށް މި އިސްލާހު ގެނައުމުގެ މައިގަނޑު ސަބަބަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާ ވަހިކަމުުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ ސްކީމް" ގެ ދަށުން އެތައް އަހަރު ތަކަކަށްފަހު މާލެ ސަރަހައްދުން ދޫކުރަން ނިންމި ބަންޑާރަ ގޯތިތައް، އެ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓްގައި ޢާންމު ކުރުމަށްފަހު އެތައް ދުވަހެއް ފާއިތުވެފައި ވީނަމަވެސް، އެ ގޯތިތައް ހަވާލު ކޮށްފައި ނުވާތީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ފަރާތްތަކުން ފާޅު ކުރަމުންދާ ކަންބޮޑުވުން ތަކަށް ޤާނޫނީ ގޮތުން ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ.
އަދި މި ފަދަ މައްސަލަތައް ތަކުރާރު ވެގެން ނުދާނޭކަން ކަށަވަރު ކުރުމާއި، ބަންޑާރަ ގޯތި ދޫކުރާ އިދާރާ ތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ފަހު، އެ ފަރާތްތަކަށް އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަންޖެހޭ ގޮތް ހެދުން ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
ޤާނޫނުގައި ހިމަނަން މީކާއީލް ހުށަހަޅުއްވާފައިވާ މާއްދާތަކުގައި ބުނެފައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތް ތަކުގެ ދާއިމީ ލިސްޓު ގެޒެޓް ކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއަކުން ގޯތި ހަވާލު ކުރަންވާނެ ކަމަށެވެ.
މި ޤާނޫނަށް އަމަލު ކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތް ތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ހަވާލު ކޮށްފައި ނުވާ ގޯތިތަށް، މި ޤާނޫނަށް އަމަލު ކުރަންފަށާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ އެ ގޯތި ދޫކުރި އިދާރާ އަކުން ހަވާލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތް ތަކުގެ ދާއިމީ ލިސްޓް، ގެޒެޓްކުރާ ތާރީޚުން ފެށިގެން ގިނަ ވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަން ވާނެކަމަށްވެސް ބުނެފައިވެއެވެ.
މި ޤާނޫނަށް އަމަލު ކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ރަޖިސްޓްރީ ހަވާލު ނުކޮށްވާ ގޯތި ތަކުގެ ރަޖިސްޓްރީ މި ޤާނޫނަށް އަމުލު ކުރަން ފަށާ ތާރީޚުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަން ވާނެކަމަށްވެސް ބުނެފައިވެއެވެ.