ރަޝީދުގެ މަރުގެ މައްސަލަ އިންސާފުވެރިކޮށް ބެލުމަށް ރައީސް އަންގަވައިފި

ރަޝީދުގެ މަރުގެ މައްސަލަ އިންސާފުވެރިކޮށް ބެލުމަށް ރައީސް އަންގަވައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ އަންގާރަ ދުވަހު މަރުވި ރަޝީދު މަރުގެ ޙާދިސާގައި ކަންހިނގާދިޔަގޮތް ރަނގަޅަށް ތަޙުޤީގުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އަންގަވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި ރަޝީދު މަރުވި ހާދިސާގައި ކަންހިނގައި ދިޔަ ގޮތް އިންސާފުވެރިކަމާއެކު ރަނގަޅަށް ތަހުގީގުކުރުމަށް އިރުޝާދު ދެއްވައި، ހޯމް މިނިސްޓަރު އިމްރާނާއި ރައީސް މަޝްވަރާ ކުރައްވާފައިވާކަމަށެވެ. މިއަދި މިމައްސަލައިގެ ތަހުގީގް ކުރިއަށްދާ ގޮތް ސީދާ ރައީސް ވަރަށް ގާތުން ބަލަމުންދާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ހޯނޑެއްދޫއިން ރަޝީދު ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ވަރަށް ބޮޑު ތަދުވާ ކަމަށް ރަޝީދު ބުނަމުންދިޔަ ކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ. ނަމަވެސް ފުލުހުން އޭނާއަށް ފަރުވާ ކުރި މަންޒަރު ނުފެންނަ ކަމަށް އާންމުން ބުންޏެވެ. އޭގެ އިތުރުން، އޭނާ ގެންދިޔައީ މާ ދުރު ރަށެއްގެ ހޮސްޕިޓަލަކަށެވެ.

މިމައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށް، ފުލުހުންވަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރުމަށް އެންއައިސީއާއި، ހިއުމަންރައިޓްސް ކޮމިޝަނާއި ހަވާލު ކުރައްވާފައެވެ. މި މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ހިންގާ ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. މިމައްސަލައަކީ އިންސާފަށް ވާސިލްވުމަށް މުހިންމު ކަމަކަށްވާތީ ތަޙުޤީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން ރަޝީދުގެ ޕޯސްޓް-މޯޓަމް ހެދުމަށް ނިންމާފައިވާކަމަށް އެންއައިސީން ވަނީ ބުނެފައެވެ.

ނަމަވެސް އާއިލާން ބުނެފައިވަނީ ޕޯސްޓްމޯޓަމް ހައިދައިފިނަމަ ހަށިގަނޑާއި ހަވާލު ނުވާނެކަމަށެވެ. ރަޝީދުގެ ހަށިގަޑު ހޯދުމަށް އޭނާގެ އާއިލާއިން ސިވިލް ކޯޓަށްވެސް މިހާރުވަނީ މައްސަލަ ހުށަހަޅައިފައެވެ.

މިމައްސަލާގައި ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލުން ވިދާޅުވަމުންދަނީ އާއިލާގެ ރުހުމަކާއި ނުލައި ޕޯސްޓްމޯޓަށް ހެދުމަކީ ޤާނޫނު ހުއްދަ ކުރާކަމެއް ނޫންކަމަށެވެ. ޕޯސްޓް މޯޓަމްހެދޭނީ އެފަދަ އަމުރެއް ކޯޓަކުން ހޯދައިގެންކަމަށް ޤާނޫނީ ވަކީލުން ދަނީ ވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *