ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާއިން ހިންގި ގަތުލުއާންމުގެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިއްވި ތާރީޚީ ހުކުމުގައި، މި މައްސަލައަށް ތަދައްޚުލުވެ ދިވެހިރާއްޖެއިން ހުށަހެޅި މުހިންމު ގާނޫނީ ނުކުތާތަކަށް އެ ކޯޓުން ތާއީދުކޮށްފިއެވެ.
ރޮހިންގާ ދަރިކޮޅުގެ މީހުން ނައްތާލުމުގެ ނިޔަތުގައި މިޔަންމާއިން އަމަލުކޮށްފައިވާ ކަމަށް އައިސީޖޭއިން ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ހައިސިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެކަން އެންމެ ފުރަތަމަ އިޢުލާނުކުރީ ދިވެހިރާއްޖެ ކަމަށެވެ. މި މައްސަލައިގައި ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ހަރަކާތްތެރިވެވަޑައިގެންނެވިއިރު، ރާއްޖެ ތަމްސީލުކުރެއްވީ ބެރިސްޓާ އަދި ޕްރޮފެސާ އަމާލް ކްލޫނީ އާއި ބެރިސްޓާ އަދި ޕްރޮފެސާ ފިލީޕާ ވެބް ކޭސީއެވެ.
ރާއްޖެއިން ހުށަހެޅި ހުށަހެޅުންތަކުގައި، ގަތުލުއާންމު ހިންގި ފަރާތްތަކަށް އަދަބު ދިނުމަށް މިޔަންމާގެ މައްޗަށް އޮތް ޒިންމާއާއި، މިނިވަން އަދި މުސްތަގިއްލު ޓްރައިބިއުނަލެއްގެ ކުރިމަތީގައި ކުށްވެރިންގެ މައްސަލަ ތަހުގީގުކޮށް ދައުވާކުރުމުގެ ވާޖިބަށް އަލިއަޅުވާލާފައިވެއެވެ. ގަތުލުއާންމު ހިންގައިފިކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ފެންނަ ހިނދުން، އެކަން އަވަސް، ފުރިހަމަ، މިނިވަން އަދި ހެޔޮ ނިޔަތުގައި ތަހުގީގުކުރަންޖެހޭނެ ކަމަށް ރާއްޖެއިން ހުށަހެޅި ނުކުތާއަށް ދަ ގެމްބިއާއިން ތާއީދުކޮށްފައިވާކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ކޮންވެންޝަންގެ ދަށުން ހިންގޭ ޝަރީއަތްތަކުގައި އިންސާފުވެރި ޝަރީއަތެއްގެ ހުރިހާ ސިފަތަކެއް ހުންނަންޖެހޭނެ ކަމަށާއި، ކަނޑައަޅާ އަދަބަކީ ކުށުގެ ކުޑަބޮޑުމިނާ އެކަށީގެންވާ، ކުރިމަގުގައި އެފަދަ އަމަލުތައް ހުއްޓުވުމަށް ބާރުއަޅާ އަދަބަކަށް ވާންޖެހޭނެ ކަމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށްވެސް ކޯޓުން ތާއީދުކޮށްފިއެވެ.
ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވީ ގަތުލުއާންމު ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ދޫވެފައި އޮތް އޮތުމާ ދެކޮޅުހަދައި، ޝިކާރައަކަށްވި ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް މަގުފަހިކުރުމަށް ކަމަށެވެ. "ރޮހިންގާ ދަރިކޮޅުގެ މީހުންނަށް އިންސާފު ލިބެންޖެހޭ ކަމަށާއި، ދައުލަތުގެ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތައްވެސް ހިމެނޭހެން މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކުގެ މައްސަލަ މިޔަންމާއިން ވަގުތުން ތަހުގީގުކޮށް، ދައުވާކޮށް، އެފަރާތްތަކަށް އަދަބު ދޭންޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައެޅުއްވި ކަނޑައެޅުއްވުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔަން،" ބަންޑާރަނައިބު ވިދާޅުވިއެވެ.
މި މައްސަލައަކީ ރޮހިންގާ ދަރިކޮޅު ނައްތާލަން މިޔަންމާއިން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް، 2019 ނޮވެމްބަރު 11 ގައި ގެމްބިއާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ. މިޔަންމާ އަސްކަރިއްޔާއިން ބުނަމުން ދިޔައީ، އެއީ އަރަކާން ރޮހިންޖާ ސެލްވޭޝަން އާމީގެ ހަނގުރާމަވެރިން ފުލުހުންގެ ޕޯސްޓުތަކަށް ދިން ހަމަލާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް ހުކުމް އިއްވަވަމުން އައިސީޖޭގެ ރައީސް ޔޫޖީ އިވަސާވާ ވިދާޅުވީ، މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންގާ ދަރިކޮޅުގެ 10,000 އެއްހާ މީހުން މަރާލައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާކޮށް، ކުޑަކުދިންނަށް އަނިޔާދީފައިވާކަން ސާބިތުވާ ކަމަށެވެ.





