2035 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ އެންމެ ބޮޑު ދީނަކަށް އިސްލާމްދީން ވެގެންދާނެ

2035 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ އެންމެ ބޮޑު ދީނަކަށް އިސްލާމްދީން ވެގެންދާނެ

އަންނަ 2035 ވަނަ އަހަރާ ހަމައަށް ދާއިރު، ކްރިސްޓިއަން ދީން ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގައި އެންމެ ގިނަ ބަޔަކު ތަބާވާ ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް އެމެރިކާގެ މަޝްހޫރު ދިރާސާ މަރުކަޒެއް ކަމަށްވާ ޕިއު ރިސާޗް ސެންޓަރުން ހާމަކޮށްފިއެވެ.

ދުނިޔޭގެ އާބާދީގެ 99.98 އިންސައްތަ ހިއްސާކުރާ 201 ޤައުމަކާއި ސަރަޙައްދެއް ދިރާސާކޮށް، 2020 އިން 2070 ވަނަ އަހަރާ ދެމެދު ދީންތަކުގެ އާބާދީއަށް އަންނާނެ ބަދަލުތައް ބަލައި އެ އިދާރާއިން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ކުރިއަށް އޮތް އަހަރުތަކުގައި ކްރިސްޓިއަން އަދި މުސްލިމުންގެ އާބާދީ އިތުރުވި ނަމަވެސް، މުސްލިމުންގެ އާބާދީ އިތުރުވަމުންދަނީ އެހެން ހުރިހާ ދީންތަކަށްވުރެ މާ ބާރުމިނެއްގައެވެ. މިއީ "ޕިއު-ޓެމްޕްލްޓަން ގްލޯބަލް ރިލިޖަސް ފިއުޗާސް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ.

މުސްލިމުންގެ އާބާދީ މިހާ ހަލުވިކަމާއެކު އިތުރުވާ މައިގަނޑު ސަބަބަކީ ވިހާ ރޭޓު ނުވަތަ ފާޓިލިޓީ ރޭޓު މަތިވުމެވެ. ރިޕޯޓުގައިވާ ގޮތުން ކޮންމެ މުސްލިމް އަންހެނަކަށް އެވްރެޖްކޮށް 3.1 ކުދިން ލިބޭއިރު، ދެވަނައަށް އެންމެ މަތީ ރޭޓެއް އޮތް ކްރިސްޓިއަން އަންހެނުންގެ މި ނިސްބަތަކީ 2.5 އެވެ. މީގެ އިތުރުން ދީން ދޫކޮށް ދިއުމުގެ ސަބަބުން މުސްލިމުންގެ އާބާދީއަށް އަންނަ އުނިވުން ކްރިސްޓިއަނުންނާ އަޅާބަލާއިރު ވަރަށް ކުޑައެވެ. އެގޮތުން ދިރާސާ ކުރެވުނު މުއްދަތުގައި ދީން ބަދަލުކުރުމުގެ ސަބަބުން މުސްލިމުންގެ ތެރެއިން 8 މިލިއަން މީހުން އުނިވާނެ ކަމަށް ލަފާކުރެވޭއިރު، ކްރިސްޓިއަނުންގެ ތެރެއިން 105 މިލިއަން މީހުން އުނިވާނެ ކަމަށް ބެލެވެއެވެ.

އާބާދީގެ ބޮޑުބައި އިތުރުވަނީ މުސްލިމުން ގިނަ ޤައުމުތަކުގައި

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2020 އިން 2070 އާ ދެމެދު މުސްލިމުންގެ އާބާދީއަށް އިތުރުވާ މީހުންގެ ބޮޑުބައި ނިސްބަތްވަނީ މިހާރުވެސް މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޤައުމުތަކަށެވެ. އެގޮތުން 2020 ގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮތް 53 ޤައުމަށް 1.2 ބިލިއަން މުސްލިމުން އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ މުޅި ދުނިޔޭގައި މުސްލިމުންގެ އާބާދީއަށް އަންނާނެ ކުރިއެރުމުގެ 74 އިންސައްތައެވެ.

މީގެ މިސާލެއްގެ ގޮތުން ޕާކިސްތާނުގެ މުސްލިމް އާބާދީ 2020 ގައި ހުރި 227 މިލިއަނުން 2070 ގައި 461 މިލިއަނަށް ދެގުނަ އިތުރުވެގެންދާނެއެވެ. މިއާއެކު އިންޑޮނޭޝިއާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ ޤައުމަކަށް ޕާކިސްތާން ވެގެންދާނެ ކަމަށްވެސް ރިޕޯޓުގައިވެއެވެ. އަދި 2070 ވަނަ އަހަރާ ހަމައަށް ދާއިރު މެދުއިރުމައްޗާއި އުތުރު އެފްރިކާގެ އާބާދީގެ 95 އިންސައްތަ މުސްލިމުން ހިއްސާކުރާނެ ކަމަށް ދިރާސާއިން ދައްކައެވެ.

ޕިއު ރިސާޗުން ނިންމާލަމުން ބަޔާންކޮށްފައިވަނީ، މިއީ ކުރިއަށް އޮތް ތަނުގައި އިޤްތިޞާދީ، ހަނގުރާމަތަކާއި ޤުދުރަތީ ކާރިސާތަކުގެ ސަބަބުން އަތުވެދާނެ ބަދަލުތައް ފިޔަވައި، މިހާރުގެ އާބާދީގެ ދުވެއްޔަށް ބަލައި ލަފާކޮށްފައިވާ އަންދާޒާތަކެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *