މަރު ތަންފީޒުކުރާ ބިލާއި، އަބުރުގެ ބިލް ބަލައިގަނެ ޖުޑީޝަރީ ކޮމިޓީއަށް

މަރު ތަންފީޒުކުރާ ބިލާއި، އަބުރުގެ ބިލް ބަލައިގަނެ ޖުޑީޝަރީ ކޮމިޓީއަށް

 

މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލާއި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ދަންޖައްސައިގެން މަރުގެ އަދަބު ދިނުމަށް ހިމަނައި، މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒު ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، މިދިޔަ ހޯމަދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އެ ބިލުގެ އިބުތިދާއީ ބަހުސް މިއަދު ނިންމައި މަޖިލީހަށް ބިލް ބަލައިގަނޭތޯ، ނެގި ވޯޓުގައި، މަޖިލީހަށް ބިލް ބަލައިގަތީ، އެވަގުތު ޖަލްސާގައި ތިއްބެވި، 57 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 56 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅުއްވީ، ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު، ހަނާން މުހައްމަދު ރަޝީދު އެވެ.

މި ބިލުގައި ބުނެފައިވަނީ، މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ގާނޫނުއަސާސީ އާއި ބައިނަލް އަގުވާމީ ކަމާގުޅޭ އުސޫލުތަކާއި އާއްމު ރައްޔިތުންގެ އަދި ކުށްވެރިޔާގެ ހައްގުތަކަށް ރިއާޔަތްކޮށް، ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުން ކަމަށެވެ. އެ އަދަބު ތަންފީޒު ކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރާ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތައާރަފު ކުރުމަކީ ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމަށްޓަކައި ފުރިހަމަ ކުރާން ޖެހޭ ޝަރުތުތަކާއި އަދަބު ކަނޑައެޅުމުގައި ކޯޓުތަކުން އަމަލު ކުރާން ޖެހޭ އުސޫލުތައް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

މަރުގެ އަދަބެއް ތަންފީޒު ކުރުމުގެ ގޮތުން ދައުލަތުން ފުރިހަމަ ކުރާން ޖެހޭ އިލްތިޒާމްތަކާއި މަރުގެ އަދަބު ކަނޑައެޅުނު މީހާއަށް ލިބިގެންވާ ހައްގުތަކާއި އަދަބު ތަންފީޒު ކުރުން މަނާކުރާ ހާލަތްތަކާއި ސަބަބުތައް ބަޔާންކޮށް އަދި އެނޫންވެސް މަރުގެ އަދަބު ކަނޑައެޅުމާއި އަދަމު ތަންފީޒު ކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައިވާ ގޮތުން، މަރުގެ އަދަބު ތަންފީޒު ކުރުމުގެ ޝަރުތުތައް ފުރުހަމަވެެގެން މެނުވީ އެ އަދަބު ތަންފީޒެއް ނުކުރެވޭނެއެވެ.

އަދަބު ތަންފީޒު ކުރުން ވަގުތީ ގޮތުން މަނާވާ ހާލަތްތަކެއް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. ބިލުގައިވާގޮތުން އާއްމުކޮށް ފެންނާނެ ފަދަ ތަނެއްގައި މަރުގެ އަދަބު ތަންފީޒު ކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫނެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމުގެ އިޖުރާއަތްތައް، ބަޔާންކޮށްފައިވާ އިރު، ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކަންކަން ހިންގައި ބަލަހައްޓާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުން ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

އެޕެނަލް އެކުލަވައިލާ ތާރީހުން ފެށިގެން ގިނަވަގެން 30 ދުވަހުގެ ތެރޭގައި ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރާނެ ތާރީހަކާއި ވަގުތެއް ޕެނަލުން ކަނޑައަޅަންވާނެ ކަމަށް ބިލުގައިވެއެވެ.

އަދަބު ފަސް ކުރާން ޖެހޭ ހާލަތްތަކާއި ކުށްވެރިޔާއަށް މައާފު ދެވޭނެ ހާލަތްތައްވެސް ބިލުގައި ކަނޑަަޅާފައިވެއެވެ.

ބިލުގައިވާގޮތުން މަރުގެ އަދަބު އަމަލީގޮތުން ތަންފީޒު ކުރުމުގެ އެންމެހައި ކަންކަން ރާވައި ހިންގަންވާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންނެވެ. މި ބިލުގައި ވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރާނީ ދަންޖައްސައިގެންނެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމުގެ ހުއްދަ ޕެނަލުން ދިނުމަށްފަހު، އަދި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތައް ވުމަށްފަހު، އަދަބު ތަންފީޒު ކުރަން ފަށަން ވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލުގައި މަރުގެ އަދަބު ކަނޑައެޅުމުގެ ޝަރުތުތަކުގެ ގޮތުގައި ބުނެފައިވާ ކަންކަމުގެ ތެރޭގައި ވާސިރުން އެއްބަސްވުމާއި ޝަރީއަތުގެ ހުރިހާ މަރުހަލާއަކުން މައްސަލަ ބެލުމާއި އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު ޝަރީއަތް ކުރުމާއި އަދަބު ކަނޑައަޅާ މީހާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަމުގެ ހައްގު ހޯދައިދިނުން ހިމެނެއެވެ.

ފަސް ލައްކަ ރުފިޔާއާ ހަމައަށް އަބުރުގެ ބަދަލު ނަގައިދެވޭގޮތަށް ކަނޑައަޅައި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު މަޖިލީހަށް ހުށަހެޅީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.

އެ ބިލްގެ އިބުތިދާއީ ބަހުސް ނިމުން މިއައުގެ ޖަލްސާގައި މަޖިލިހަށް ބިލް ބަލައި ގަތީ، އެވަގުތު ޖަލްސާގައި ތިއްބެވި، 56 މެންބަރުންގެ ތެރެއިން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުނާއި، ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންނާއެކު، 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލް ބަލައި ނުގަތުމަށް އެމްޑީޕީގެ ހަތަރު މެންބަރުން ވޯޓު ދެއްވިއެވެ. އަދި އެމްޑީޕީގެ ހަތް މެންބަރަކު ވޯޓުގައި ބައިވެރިނުވެ ތިއްބެވިއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި މި ބިލުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން، ކޮންމެ މީހަކަށް ލިބޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ގާނޫނީ ހިމާޔަތް ކަށަވަރުކޮށްދިނުމުގެ ހައްގު ހިމާޔަތްކޮށްދިނުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

މިބިލުގެ މަގުސަދަކީ މުޖުތަމައުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ފަރުދުންގެ އަބުރު ރައްކާތެރިކޮށް ދެމެހެއްޓުމާ ދެމެދު އެކަށީގެންވާ ހަމަހަމަ ކަމެއް ގާއިމު ކުރުމާއި އަބުރާ ބެހެވުނު ފަރާތަކަށް އެކަމުގެ ހަގީގަތް ހާމަކުރުމުގެ ނުވަތަ ރައްދު ދިނުމުގެ ނުވަތަ އެކަމެއް އިސްލާހުކޮށްދިނުމުގެ ހައްގު ލިބިގެންވާކަން ބަޔާންކުރުމެވެ.

އޭގެ އިތުރުން އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމަށް ކަނޑައެޅުމަކީ ބިލުގެ މުހިންމު މަގުސަދެއް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ،

އެ ބިލުގައި އަބުރާ ބެހުމަކީ ކޮބައިކަން ބަޔާންކޮށްދީފައިވެއެވެ. އަދި އަބުރާ ބެހުން ކަމަށް ބެލެވޭނެ ހާލަތުތައް ތަފްސީލުކޮށްދިނުމުގެ އިތުރުން، އަބުރާ ބެހެވޭ ފަރާތުގެ ކިބައިން މައާފަށް އެދުމާއި ބަދަލު ދިނުމަށް ހުށަހެޅުމުގެ ހަމަތައް ބިލުގައި ހިމަނާފައިވެއެވެ.

އަދި އަބުރާ ބެހެވުނު ފަރާތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށަހެޅުމާއި ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އުސޫލުތައް ވެސް މިބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައިވާގޮތުން، އިންޓަނެޓް ބޭނުންކޮށްގެން ހާމަކުރާ ލިޔުމެއްގައި ނުވަތަ ތައްޔާރުކޮށް ހިންގާ ވެބްސައިޓެއްގައި ނުވަތަ ސޯޝަލް މީޑިއާގައި ނުވަތަ ނެރޭ އޮންލައިން ނޫހެއްގައި ނުވަތަ ބްލޮގެއްގައި ނުވަތަ އެނޫންވެސް އިންޓަނެޓް މެދުވެރިކޮށް އާންމުކުރާ އެއްޗެއްގައި ނުވަތަ ވަސީލަތެއްގައި، ވަކި ފަރާތެއްގެ އަބުރާ ބެހެވޭ ފަދަ އެއްޗެއް ޝާއިއުކޮށްގެން ނުވަތަ ހިމަނައިގެން ނުވާނެއެވެ.

ބިލުގައިވާގޮތުން އަބުރާ ބެހުމުގެ ސަބަބުން ދައުވާކުރާ ފަރާތުގެ އަބުރަށް ލިބުނު މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭނީ، އެ ގެއްލުމުގެ ކުޑަ ބޮޑު މިނަށް ބަލައި 50,000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *