ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލުގެ ބަހުސްގެ ތެރެއިން އެ ބިލް އިރާލާފައިވާތީ، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު އާއި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލަށް، ފިޔަވަޅު އެޅުމަށް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެދިވަޑައިގެންފިއެވެ.
ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލުގެ ބަހުސްގައި އެ ބިލުގައި ބޮޑެތިކަންބިޑުވުންތަކެއް ހުރިކަން މެންބަރު މައުރޫފު ފާހަގަ ކުރެއްވިއެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔ ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް އިުރުފުޅު ހައްދަވާފައިވާ ކަންތައްތަކެއް ހިމެނޭ ބިލެއްކަމަށް ތުހުމަތު ކުރައްވައި، އެ ބިލު އިރާލެއްވިއެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މައުރޫފަށް ދެންނެވިއެވެ. އަދި އެއީ މަޖިލީހުގެ ގަވާއިދާހިލާފަށް މައުރޫފު ކުރެއްވި ކަމެއް ކަމަށާއި އިތުރަށް އެފަދަކަމެއްް ތަކުރާރު ނުކުރެއްވުމަށްވެސް ދެންވިއެވެ.
މައުރޫފުގެ ފަހުން އެބިލުގެ ބަހުސްގައި ވާހަކަ ދައްކަަވަމުން، ފަލާހު ވިދާޅުވީ، މިއަދުގެ ޖަލްސާގައި މެންބަރަކު ސަރުކާރުން ހުށަހެޅި ބިލެއް އިރާލާއިފައިވާ ކަމަށާއި، މަޖިލީހުގެ ސުލުކީ ކޮމިޓީން އެ މެންބަރަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
"މަޖިލިސް ރައީސް ފާހަގަކުރެއްވީ އެކަމަކީ މަޖިލީހުގެ ގަވާއިދުގައި ވަރައްބޮޑަށް މަނާކޮށްފަ އޮނނަކަމެއްކަމަށް، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި، މަޖިލީހަށް ހުށަހަޅާފައި ހުންނަ ބިލްތައް މޭޒުމަތީގައި ވީދާ، ކޮޅަށް އަރާ ކަންކަން ކުރުމަކީ، އެހެންވީމަ ކެންދޫ ދާއިރާގެ މެންބަރާ ދޭތެރޭ ގައި ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅަންޖެހޭނެ،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، އެ ފިޔަވަޅު ވާޖެހޭނީ މަދުވެގެން އެއް އަހަރު ދުވަސްވަންދެން އެއްވެސް ކޮމިޓީއަކަށް ހާޒިރުނުވެވޭނެގޮތަށް އަޅާ ފިޔަވަޅަަކަށް ކަމަށެވެ.
މައުރޫފް ކުރެއްވީ ވަރައްބޮޑު ކުށެއް ކަމަށާއި، އެ ކުށަށް، އެމްޑީޕީގެ ޕީޖީ ލީޑަރުގެ ގޮތުގައި ހުންނެވި، ނާޒިލް ހިތްވަރު ދެއްވާފައިވާ ކަމަށްވެސް ފަލާހު ވިދާޅުވިއެެވެ. އަދި ކުށަކަށް ހިތްވަރު ދިނުމަކީވެސް ކުށެއް ކަމަށާއި، އެހެންކަމުން މައުރޫފާއި ނާޒިލާ ދެބޭފުޅުންނަށް ސުލޫކީ ކޮމިޓީން ފިޔަވަަޅު އަޅަންޖެހޭނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
"މިކަމަށް ފިޔަވަޅު ނާޅައިފިއްޔާ މަޖިލިސް ތެރޭގައި މެންބަރުން އުޅެފާނެ ކޮންމެ ފަދަ ގޮތަކަށްވެސް، ތަން ކޮންޓްރޯލުން ނައްޓާލަފާނެ އެހެންވީމަ މިތަނުގެ ގަވާއިދާ ހިލާފް ވަންޏާ އެޅެންޖެހޭ ފިޔަަވަޅުތައް އެޅެންޖެހޭނެ،"
ފަލާހު ވިދާޅުވީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފަކީ، މިހާާރު ވެސް ޖަލު ހުކުމަކަށް ތައްޔާރުވާންވެފަ ހުންނެވި މެންބަރެއް ކަމަށެވެ.
އެއީ ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައިގެން ދައުލަތުގެ މުދަލަށް ގެއްލުންދީފަ ހުންނެވި މެންބަރެއް ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.






