ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން، އެފް ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުންނާއި ހަވާލުކޮށްގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 182 ފްލެޓުގެ ފައުންޑޭޝަންގެ މަސައްކަތް ފަށައިފިއެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގެ ދަށުން ބީއެމްއެލްއިން ހޯމް ލީސިންގ ކުންފުނިން ހިންގާ މަޝްރޫޢުއެކެވެ.
އެފްޑަބްލިއު ކޮންސްޓްޝަނާއި ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. އެގޮތުން ފައުންޑޭޝަން މަސައްކަތުގެ ތެރެއިން ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު އެކުންފުނިން ވަނީ ފަށާފައެވެ.
ބީއެމްއެލްގެ ފަރާތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން، ޕްރޮޖަކްޓް ކޮންސަލްޓެންޓް މުޙައްމަދު ޝަރާހު ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލެވޭނެއެވެ.
"ޓައިމްލައިން ކުޑަކޮށް ޑިލޭތަކެއް ހުރި. އެހެން ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު އަޅުގަނޑުމެނަށް ޖުލައި މަހު، އެއީ 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމާލެވެނޭ މަޝްރޫޢުގެ މަސައްކަތްތައް. އަޅުގަނޑުމެން ކޮންޓްރެކްޓަރާއެކު މިހާރު މަސައްކަތް ކުރަމުންދަނީ ރިވައިޒް ޓައިމްލައިން އެކުލަވާލަން" ޝަރާޙް ވިދާޅުވިއެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް އުފެއްދި ބީއެމްއެލް ސަބްސިޑަރީ ކުންފުނި، އެފޯޑަބަލް ހޯމް ލީސިންގއިން ކުރިއަށްގެންދާ މަޝްރޫއެކެވެ. ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރާ މި ފްލެޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދު ތެރޭގައި ނިމޭނެކަމަށް ބީއެމްއެލްއިން ފާހަގަކުރައްވައެވެ.
3 ކޮޓަރީގެ މި ހައުސިންގ ޔުނިޓްތަކަކީ، 900 އަކަފޫޓުގެ ތަންތަނެވެ. މި މަޝްރޫއު ވެގެންދާނީ ސަރުކާރެއްގެ 5 އަހަރުގެ ދައުރުގެ ތެރޭގައި މަޝްރޫޢު ފަށައި، އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމައި، އޭގެ ވެރިފަރާތްތަކާ ޙަވާލުކުރެވޭނެ ފުރަތަމަ ހައުންސިންގ މަޝްރޫޢަށް ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫޢުތަކެއް ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ތެރެއިން ހުޅުމާލޭގެ އިތުރުން ވިލިމާލޭގައިވެސް ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ތެރެއިން މާލޭ ސަރަޙައްދުގައި މިވަގުތު 3260 ހައުސިންގ ޔުނިޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ދަނީ ހިނގަމުންނެވެ.
މީގެ ތެރޭގައި އެފް ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުންނާއި ހަވާލުކޮށްގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓުގެ އިތުރުން، އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ 364 ހައުސިންގ ޔުނިޓާއި، ރަޝީދް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ތަރައްޤީކުރާ 300 ހައުސިންގ ޔުނިޓް ހިމެނެއެވެ. މީގެ އިތުރުން ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކުންފުންޏާ ހަވާލުކޮށްގެން ތަރައްޤީކުރާ 1,224 ހައުސިންގ ޔުނިޓާއި، ބީޔޫސީޖީއާ ހަވާލުކޮށްގެން ތަރައްޤީކުރާ 1,190 ހައުސިންގ ޔުނިޓްވެސް ހިމެނެއެވެ.





