ސައުތު ކޮރެއާގެ ބުސާން ސިޓީގެ އާންމު ޕާކެއްގެ ކެނަލް ތެރޭގައި ތާށިވެފައި އޮތް "ބުކާންގީ" ގެ ނަމުން ނަންދެވިފައިވާ މަޝްހޫރު މިޔަރު، ސަލާމަތް ކުރުމަށް ހިންގި ތިންވަނަ އޮޕަރޭޝަނުގައި ކާމިޔާބުކަމާއެކު އަނބުރާ ކަނޑަށް ފޮނުވާލައިފިއެވެ.
ދިގުމިނުގައި ގާތްގަނޑަކަށް 3 މީޓަރު (10 ފޫޓު) ހުރި މި "ޑަސްކީ ޝާކް" މިޔަރު ބުސާންގެ ނޯތު ޕޯޓް ވޯޓަރފްރަންޓް ޕާކުގެ ކެނަލް ތެރެއަށް ވަދެފައިވަނީ ސެޕްޓެމްބަރު 18 ގައެވެ. އޭގެ ފަހުން 34 ދުވަސް ވަންދެން ކެނަލް ތެރޭގައި އެ މިޔަރު އުޅެފައިވެއެވެ.
މިޔަރު ސަލާމަތްކުރުމަށް މީގެ ކުރިން ކުރި ދެ މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފައެވެ. ފުރަތަމަ ފަހަރު ވޯޓާ ޖެޓު ބޭނުންކޮށްގެން ކަނޑަށް ފޮނުވާލަން ކުރި މަސައްކަތް ނާކާމިޔާބުވިއިރު، ދެވަނަ ފަހަރު ޖެހި ދާ މަތިން މިޔަރު ފުންމައިގެން އަލުން ކެނަލް ތެރެއަށް ވަނީއެވެ.
ނަމަވެސް، ކޮރެއާގެ މެރިން ކަންތައްތަކާ ބެހޭ ވުޒާރާއާއި ކަމާބެހޭ އިދާރާތައް ގުޅިގެން ހިންގި ތިންވަނަ އޮޕަރޭޝަނުގައި، ޚާއްޞަ ފްލޯޓިންގ ޕޮންޓޫންތަކާއި، ދާ އަދި ޑައިވަރުންނާއި ޑްރޯން ބޭނުންކޮށްގެން މިޔަރު ވަނީ ސަލާމަތްތެރިކަމާއެކު ކަނޑާ ދިމާލަށް މިސްރާބު ޖައްސުވާފައެވެ.

މި މިޔަރަށް "ބުކާންގީ" ގެ ނަން ދެވިފައިވަނީ އެސަރަހައްދުގެ ނޯތު ޕޯޓަށް ކޮރެއާ ބަހުން ކިޔާ "ބުކްހަންގް" އަށް ނިސްބަތްކޮށެވެ. ކެނަލް ތެރޭގައި މިޔަރު އުޅުނު ދުވަސްވަރު އެ ސަރަހައްދު ވަނީ ބޮޑު ފަތުރުވެރިކަމުގެ މަގުބޫލު ތަނަކަށްވެފައެވެ. މިޔަރު ބަލާލުމަށް 1.6 މިލިއަނަށްވުރެ ގިނަ މީހުން އެ ޕާކަށް ޒިޔާރަތްކޮށްފައިވާއިރު، ބުސާން ސިޓީއިން ވަނީ މި މިޔަރު އެ ސިޓީގެ އޮނަރަރީ އެމްބެސަޑަރެއްގެ ގޮތުގައިވެސް ހަމަޖައްސާފައެވެ.
ތިމާވެށީގެ މާހިރުން ފާހަގަކުރާ ގޮތުގައި، އާންމުކޮށް ފުން ކަނޑުތަކުގައި އުޅޭ މިފަދަ މިޔަރެއް ސިޓީގެ އެތެރޭގެ ކެނަލަކުން ފެނުމަކީ މޫސުމީ ބަދަލުތަކާއި ކަނޑުގެ ފިނިހޫނުމިން މައްޗަށް ދިއުމާ ގުޅުންހުރި ކަމަކަށް ވެދާނެއެވެ.






