ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ސަރުކާރު ބޮންޑްތަކުގެ އީލްޑް (ބޮންޑް ރޭޓް) މައްޗަށް ދިއުމުގެ ސަބަބުން، އެ ގައުމުތަކުގެ ދަރަނީގެ ބުރަ ކުޑަކޮށް ހަމައަކަށް އެޅުވުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް މަޝްހޫރު ރޭޓިން އެޖެންސީ 'ފިޗް' އިން ބުނެފިއެވެ.
ފިޗް އިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، ދުނިޔޭގެ އެންމެ ބޮޑު 10 އިގުތިސާދު ކަމަށްވާ ތަރައްގީވެފައިވާ ގައުމުތަކުގެ 10 އަހަރު ދުވަހުގެ ސަރުކާރު ބޮންޑްތަކުގެ އީލްޑް މިއަހަރުގެ މިހާތަނަށް އެވްރެޖްކޮށް 81 ބޭސިސް ޕޮއިންޓް މައްޗަށް ގޮސްފައިވެއެވެ. މީގެ ސަބަބުން ތަރައްގީވެފައިވާ ގައުމުތަކުގެ ޖުމްލަ ސަރުކާރު ދަރަނި ގާތްގަނޑަކަށް 4 ޓްރިލިއަން ޑޮލަރުން އިތުރުވެ، 75 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރޭގައި އެންމެ ބޮޑު 10 އިގުތިސާދުގެ ދަރަނި އެކަނިވެސް 68.5 ޓްރިލިއަން ޑޮލަރަށް އަރައެވެ.
މި މައްސަލައިގެ ސަބަބުން އެމެރިކާ، ފްރާންސް އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް ފިޗް އިން ފާހަގަކޮށްފައިވެއެވެ. އަދި އަންނަ 2030 ވަނަ އަހަރާ ހަމައަށްދާއިރު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އެންމެ ބޮޑަށް މައްޗަށްދާނެ ކަމަށް ލަފާކޮށްފައިވަނީ ފްރާންސްގައެވެ. އެގޮތުން ފްރާންސްގެ ދަރަނީގެ ނިސްބަތް 12 އިންސައްތަ އިތުރުވެ، 128 އިންސައްތައަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ފަހުން އެމެރިކާއާއި ޖަރުމަނު ހިމެނެއެވެ. ނަމަވެސް ޖަޕާންގެ ދަރަނީގެ ނިސްބަތް 11 އިންސައްތަ ދަށަށް ގޮސް 185 އިންސައްތައަށް ވެއްޓޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ހާލަތުގެ ސަބަބުން މާލީ މާކެޓްތަކުގައި ބޮންޑް ވިއްކައިގެން ދަރަނި އަދާކުރަންޖެހޭ ގައުމުތަކަށް އިތުރު ބުރައަކަށްވެ، މާލީ ސިޔާސަތުތައް ބައްޓަންކުރުމުގައި ސަރުކާރުތަކަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އިގުތިސާދީ މާހިރުން އިންޒާރުދެއެވެ






