ދުރުގައި ހުރެގެން އޭނާގެ މަންމައާ އޮންނަ ގުޅުން ބަދަހިކޮށް ބެހެއްޓުމަށް އީޖާދީ ހައްލެއް

ދުރުގައި ހުރެގެން އޭނާގެ މަންމައާ އޮންނަ ގުޅުން ބަދަހިކޮށް ބެހެއްޓުމަށް އީޖާދީ ހައްލެއް

އިންޑިއާއިން ބޭރުގައި މަސައްކަތްކުރާ ޒުވާނަކު، ޤައުމާއި އެތައް ހާސް ކިލޯމީޓަރެއް ދުރުގައި ހުރެގެން އޭނާގެ މަންމައާ އޮންނަ ގުޅުން ބަދަހިކޮށް ބެހެއްޓުމަށްޓަކައި ޓެކްނޮލޮޖީގެ އެހީގައި ތަފާތު އަދި އީޖާދީ ހައްލެއް ހޯދައިފިއެވެ.

ހަރްޝް ސާވަރްގައޮންކަރު ނަމަކަށް ކިޔާ މި ޒުވާނާ އޭނާގެ މަންމައާ މުއާމަލާތު ކުރުމަށް އިޚްތިޔާރުކުރީ އާންމުކޮށް އެންމެން ކުރާ ފަދައިން ދުވާލަކު އެތައް ފަހަރަކު ފޯނުކުރުމުގެ ބަދަލުގައި، 24 ގަޑިއިރު ހުއްޓުމެއް ނެތި ގުޅިފައި ވާ ގޮތަށް ސެޓްއަޕް ކުރެވިފައިވާ ވީޑިއޯ ކޯލެކެވެ.

މިކަން އަމަލީގޮތުން ކުރުމަށްޓަކައި ހަރްޝް ވަނީ އޭނާގެ ގޭގެ ކާ މޭޒުމަތީގައި ބާ އަދި ބޮޑު ސުކްރީނެއް އިންނަ ލިނަކްސް ލެޕްޓޮޕެއް ބަހައްޓާފައެވެ. އަދި އިންޓަނެޓް ކެނޑުމުން ނުވަތަ ބްރައުޒާ ކްރޭޝްވުމުން އަމިއްލައަށް އަލުން ވީޑިއޯ ކޯލް ގުޅޭނެ ގޮތް ހެދުމަށްޓަކައި، އޭއައި އެސިސްޓަންޓް "ކްލޯޑް" ގެ އެހީގައި ޚާއްޞަ ސުކްރިޕްޓްތަކެއް ލިޔެ ސިސްޓަމަށް އިންސްޓޯލްކުރިއެވެ.

މި ސެޓްއަޕްގެ ސަބަބުން، ލެޕްޓޮޕް ނިވުނުކަމުގައި ވިޔަސް، އޭނާގެ މަންމައަށް ޖެހެނީ ހަމައެކަނި ލެޕްޓޮޕްގެ ޕަވަރ ބަޓަންއަށް ފިތާލާށެވެ. މުޅި ސިސްޓަމް އަމިއްލައަށް ރީސްޓާޓްވެ، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދަރިފުޅު އަލުން ސުކްރީން މައްޗަށް ފެނެއެވެ.

ނަމަވެސް، މި ޚިޔާލުގެ މައިގަނޑު މަގުޞަދަކީ މުޅި ދުވާލު އެކަކު އަނެކަކާ ވާހަކަދައްކަން ތިބުމެއް ނޫނެވެ.

ހަރްޝް ބުނި ގޮތުގައި، މީގެ އަސްލު ބޭނުމަކީ ދެމީހުންގެ އާންމު ދިރިއުޅުމުގެ ކަންކަމައިގެން ކުރިއަށްދާއިރުވެސް، އެކަކު އަނެކަކުގެ ޙަޔާތުގައި ވަގުތުން ބައިވެރިވެވޭފަދަ "ވާޗުއަލް" އިޙްސާސެއް އުފެއްދުމެވެ. އޭނާގެ މަންމަ ގޭގެ މަސައްކަތުގައި އުޅެމުން ސުކްރީނަށް ބަލާލާއިރު ދަރިފުޅު ފެންނަން ހުންނައިރު، ހަރްޝްއަށްވެސް މަސައްކަތުގައި އިންނަމުން ގޭތެރޭގައި މަންމަ އުޅޭ މަންޒަރު ފެނެއެވެ.

މިކަމާ ގުޅޭގޮތުން އަސަރުކުރުވަނިވި މިސާލެއް ހިއްސާކުރަމުން ހަރްޝް ބުނީ، ދަންވަރު ގާތްގަނޑަކަށް 3 ޖަހާއިރު އޭނާގެ މަންމަ ފެންބޯން ތެދުވާ ވަގުތު، އޭނާ ސުކްރީން ކުރިމަތީގައި މަސައްކަތްކުރަން އިންނަ ތަން މަންމައަށް ފެންނަކަމަށެވެ. އަދި އެވަގުތު "ހެލޯ" އެއް ބުނެލުމަށްފަހު މަންމައަށް އަލުން ނިދަން ދެވޭކަން އޭނާ ފާހަގަކުރިއެވެ.

އިންޓަނެޓްގައި މި ސެޓްއަޕްގެ ވާހަކަ ހިއްސާކުރަމުން ހަރްޝް ލިޔެފައިވަނީ "ޓެކްނޮލޮޖީއަށް ޝުކުރިއްޔާ!" މިހެންނެވެ.

މި ވާހަކަ ސޯޝަލް މީޑިއާގައި އާންމުވުމާއެކު، އެތައް ހާސް ބައެއްގެ ސަމާލުކަމާއި ލޯބި ވަނީ މިކަމަށް ލިބިފައެވެ. ގިނަ ބަޔަކު ވަނީ ބާ ލެޕްޓޮޕަކާއި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފައިގެން، މަންމައާއި ދަރިފުޅާ ދެމެދުގައިވާ ދުރުމިން ކުޑަކުރުމަށް އޭނާ ކުރި އީޖާދީ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *