ފަހު މެޗުގައި ލަނޑެއް ޖަހައި، މެސީ ގައުމީ ޓީމަށް އަލްވަދާއު ކިޔައިފި

ފަހު މެޗުގައި ލަނޑެއް ޖަހައި، މެސީ ގައުމީ ޓީމަށް އަލްވަދާއު ކިޔައިފި

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ލިއޮނެލް މެސީ، އާޖެންޓީނާގެ ގައުމީ ޓީމުން ރަސްމީކޮށް ރިޓަޔާކޮށްފި އެވެ. އޭނާ ގައުމީ ޓީމަށް ކުޅުނު ވަދާއީ މެޗުގައި ރޭ ވަނީ ގައުމީ ޖާޒީގައި އޭނާގެ ފަހު ލަނޑު ވެސް ކާމިޔާބުކޮށްދީފަ އެވެ.

މެސީގެ ވަދާއީ މެޗަށް ހާއްސަކޮށްގެން އެސްޓާޑިއޯ މޮނިއުމެންޓަލްގައި ރޭ ބެނިންއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ނިކޮލަސް އޮޓަމެންޑީ ވަނީ އާޖެންޓީނާއަށް ލީޑު ނަގައިދީފަ އެވެ.

މެޗުގެ 61 ވަނަ މިނެޓުގައި މެސީ ދިން ޕާހަކުން ނިކޯ ޕަޒް ޓީމުގެ ދެވަނަ ލަނޑު ޖަހައިދިންއިރު، އޭގެ 10 މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން މެސީ ވަނީ އާޖެންޓީނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މިއީ އާޖެންޓީނާ ޓީމަށް މެސީ ޖަހައިދިން 126 ވަނަ ލަނޑެވެ.

ގައުމީ ޓީމުން ރިޓަޔާކުރާނެކަން މެސީ ރަސްމީކޮށް އިއުލާނުކުރީ މިދިޔަ އޯގަސްޓް މަހު އެވެ. އޭނާގެ ވަދާއީ މެޗު ފެށުމުގެ ކުރިން ދަނޑުގައި ހާއްސަ ލޭޒާ ލައިޓް ޝޯއަކާއި ލައިވް މިއުޒިކް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރޭ ކުޅުނު މެޗަކީ އާޖެންޓީނާގެ ޖާޒީގައި މެސީ ކުޅުނު 208 ވަނަ މެޗެވެ. މި މެޗާއެކު އޭނާގެ ބައިނަލްއަގުވާމީ ފުޓުބޯޅަ ކެރިއަރު ނިމުމަކަށް އައި ނަމަވެސް، ކްލަބު ފެންވަރުގައި އެމެރިކާގެ އިންޓަ މިއާމީއަށް އޭނާ އަދިވެސް އަންނަނީ ކުޅެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *