ރަޝިއާގެ ރިސާޗް ސެންޓަރެއްގެ ލެބޯޓްރީ މުވައްޒަފަކު ކުއްލި ގޮތަކަށް މަރުވެ، 200 އެއްހާ މީހުން ކަރަންޓީނުކޮށްފި

ރަޝިއާގެ ރިސާޗް ސެންޓަރެއްގެ ލެބޯޓްރީ މުވައްޒަފަކު ކުއްލި ގޮތަކަށް މަރުވެ، 200 އެއްހާ މީހުން ކަރަންޓީނުކޮށްފި

ސައިބީރިއާގައި ހުންނަ ޕްލޭގް ނުވަތަ މަރުގެ ބަލިތައް ދިރާސާކުރާ އިދާރާއެއްގެ ލެބޯޓްރީ މުވައްޒަފަކު ނޭނގޭ ސަބަބަކާ ހުރެ ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 200 އެއްހާ މީހުން ކަރަންޓީނުކޮށް، ސޯޝަލް މީޑިއާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ.

މޮސްކޯއާއި ލަންޑަނުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮކްޓޯބަރު 2 ވަނަ ދުވަހު މަރުވެފައިވަނީ "އިރްކުުޓްސްކް އެންޓި-ޕްލޭގް ރިސާޗް އިންސްޓިޓިއުޓް އޮފް ސައިބީރިއާ އެންޑް ދަ ފާ އީސްޓް" ގައި މަސައްކަތްކުރާ އުމުރުން 28 އަހަރުގެ ދާރިއާ ޝިޕިލޯވާ އެވެ.

ރަޝިއާގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި އޭނާ މަރުވީ ނޭނގޭ ބާވަތެއްގެ ނިއުމޯނިއާ އެއް ޖެހިގެންނެވެ. އަދި އޭނާ މަރުވި ސަބަބާ، އޭނާ މަސައްކަތްކުރާ ލެބޯޓްރީއާ ނުވަތަ ޕްލޭގް ބައްޔާ އެއްވެސް ގުޅުމެއްވާކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭނާއާ ބައްދަލުވި އެންމެން ވަނީ ކަރަންޓީނުކޮށްފައެވެ.


ޝިޕިލޯވާ ބަލިވި ގޮތާމެދު ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ.

1. ލެބޯޓްރީ އެކްސިޑެންޓެއް: މަސައްކަތުގެ ތެރޭގައި ދިރޭ ބެކްޓީރިއާ ހުރި ޓެސްޓް ޓިއުބެއް އޭނާގެ އަތުން ވެއްޓި ފެޅުނީ ކަމަށް ބުނެވޭ ވާހަކަ. ނަމަވެސް ރަޝިއާގެ ހެލްތު ވޮޗްޑޯގުން ވަނީ މި ވާހަކަ ދޮގުކޮށްފައެވެ.
2. ތައިލެންޑް ދަތުރު: ތައިލެންޑަށް ކުރި ދަތުރަކަށްފަހު ބަލިވި ކަމަށް ބުނެވޭ ވާހަކަ.
3. މޮންގޯލިއާ ބޯޑަރު ދަތުރު: މޮންގޯލިއާ ބޯޑަރު ކައިރިއަށް ކުރި ދަތުރަކަށްފަހު ބަލިވި ކަމަށް ބުނެވޭ ވާހަކަ.

ރަޝިއާގެ ސަރަހައްދީ ގަވަރުނަރަކު އޭނާ މަރުވީ ޕްލޭގް ބަލީގައި ކަމަށް "ވެދާނެ" ކަމަށް ވިދާޅުވި ނަމަވެސް، ސިއްހީ އިދާރާ "ރޮސްޕޮޓްރެބްނަރ" އިން ބުނީ ކަރަންޓީނުކުރެވުނު އެއްވެސް މީހެއްގެ ސާމްޕަލުން ނުރައްކާތެރި ޖަރާސީމެއް ފެނިފައިނުވާ ކަމަށެވެ. އަދި ކަރަންޓީނުކުރި މީހުންގެ 60 އިންސައްތަ މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ ރަޝިއާއަށް ކުރިމަތިވި "ބޮޑު މައްސަލައެއް" ކަމަށް ސިފަކުރައްވައި، އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅުއްވާފައެވެ. އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރުމަށް ރަޝިއާއަށް ގޮވާލައްވާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ބުނި ގޮތުގައި، އިރްކުުޓްސްކް ސިޓީން ޕްލޭގްގެ އެއްވެސް ކޭސެއް ފެނިފައިނުވާކަން ރަޝިއާއިން ވަނީ އެފަރާތަށް އަންގާފައެވެ. މީގެ އިތުރުން ކަޒަކިސްތާން، ކިރްގިޒްސްތާން އަދި އުޒްބެކިސްތާނުން ވަނީ ބޯޑަރުތަކުގެ ރައްކާތެރިކަން ވަރުގަދަކޮށްފައެވެ.

ޕްލޭގް ނުވަތަ ކަޅު މަރަކީ ކޮބާ؟

ޖަރާސީމު: ޕްލޭގް ޖެހެނީ Yersinia pestis ކިޔާ ބެކްޓީރިއާއެއްގެ ސަބަބުންނެވެ. މިއީ މީދާ ފަދަ ކުދި ސޫފިތަކާއި އެއެއްޗެހީގެ ގައިގައި އުޅޭ މަކުނު/ (fleas) މެދުވެރިކޮށް ފެތުރޭ ބައްޔެކެވެ.
ތާރީޚު: 1300 ގެ އަހަރުތަކުގައި ވިލާތުން 50 މިލިއަނަށްވުރެ ގިނަ މީހުން މަރުވި "ކަޅު މަރު" (Black Death) އަކީ މި ބައްޔެވެ.
ނުރައްކާތެރިކަން: ފަރުވާ ނުދީފިނަމަ މަރުވުމުގެ ފުރުސަތު 30 އިންސައްތަ އާއި 100 އިންސައްތަ އާ ދެމެދުގެ މިންވަރަކަށް އޮތް ނަމަވެސް، އަވަހަށް ދެނެގަނެވިއްޖެނަމަ އެންޓިބަޔޮޓިކް ބޭނުންކޮށްގެން ފަރުވާ ކުރެވެއެވެ.
ބާވަތްތައް:
1. ބިއުބޮނިކް ޕްލޭގް : އެންމެ އާންމު ބާވަތް. މަކުނު ދަތްއެޅުމުން ލިމްފް ނޯޑްތައް ދުޅަވެއެވެ.
2. ނިއުމޮނިކް ޕްލޭގް :އެންމެ ނުރައްކާތެރި ބާވަތް. ފުއްޕާމޭއަށް އަސަރުކޮށް، ކެއްސުމުގެ ތެރެއިން ވައިގެ ތެރެއަށް ފެތުރެއެވެ.
3. ސެޕްޓިސީމިކް ޕްލޭގް : ލޭގެ ތެރޭގައި ބެކްޓީރިއާ އިތުރުވަމުންދާ ބާވަތް.

1934 ވަނަ އަހަރު އުފެއްދި "އިރްކުުޓްސްކް އެންޓި-ޕްލޭގް ރިސާޗް އިންސްޓިޓިއުޓް" އަކީ ސައިބީރިއާއާއި، މޮންގޯލިއާ އަދި ޗައިނާގައި ފެތުރުނު ނުރައްކާތެރި ބަލިތައް ކޮންޓްރޯލްކުރުމަށް ގާއިމުކުރި ތަނެކެވެ. މި އިންސްޓިޓިއުޓްގައި ޕްލޭގްގެ އިތުރުން ކޮލެރާ އަދި އެންތުރެކްސް ފަދަ ނުރައްކާތެރި ބަލިތަކަށް ދިރާސާކުރެއެވެ.

ކޮވިޑް-19 ގެ އާލަމީ ވަބާއަށްފަހު، ލެބޯޓްރީތަކުގައި ހިނގާ އެކްސިޑެންޓްތަކާއި ނޭނގޭ ބަލިތަކާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް ސިއްހީ މާހިރުން އިލްތިމާސްކުރައްވަނީ، މި ހާދިސާގައި ރިޕޯޓުކުރެވިފައިވަނީ އެންމެ ކޭސްއެއް ކަމަށާއި، އޭނާއަށް ޕްލޭގް ޖެހިފައިވާކަމުގެ އެއްވެސް ހެއްކެއް ރަޝިއާގެ އިދާރާތަކަށް އަދި ލިބިފައިނުވާތީ ހާސްނުވުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *