މަސްތުވާތަކެތި އެތެރެކުރުމުން ހަރުކަށި އަދަބުލިބޭ ޤައުމަކަށްވުމަކީ ކުރިއެރުމެއް

މަސްތުވާތަކެތި އެތެރެކުރުމުން ހަރުކަށި އަދަބުލިބޭ ޤައުމަކަށްވުމަކީ ކުރިއެރުމެއް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުން މަރުގެ އަދަބުލިބޭގޮތަށް ބަދަލުކުރުމަކީ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ ފަރާތްތަކަށް ދިން ވަރުގަދަ މެސެޖެއްކަމަށާ، އެއީ ލިބުނު ކުރިއެރުމެއްކަމަށް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

މި ރޭ ބޭއްވި "އަހާ" ފޯރަމްގައި، އާއްމު މީހަކުވަނީ ބިދޭސީން ރާއްޖެއަށް ޑްރަގް އެތެެރެކުރާ ބޭރު މީހުން ނުހުއްޓުވެނީ ކީއްވެގެންތޯ އަދި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، ތަމްރީނުވެފައި ތިބި މީހުން ނެތީތޯ ސުވާލުކޮށްފައެވެ.

ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ގެނައި ތިންވަނަ އިސްލާހުގެ ދަށުން، ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި، މާރިޗު 2026 އިން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. ވަޒީރު ވިދާޅުވީ އެ އިސްލާހާއެކު ރާއްޖެއަކީ މަސްތުވާތަކެތި އެތެރެކޮށްފި ނަމަ ހަރުކަށި އަދަބުދޭނެ ޤައުމެއްކަން ބޭރުގެ ފަރާތްތަކަށްވެސް ވަރަށް ސާފުކޮށް އެނގޭނެކަމަށެވެ. ކުރިން މަސްތުވާތަކެތި އެތެރެކުރުމުން ދުވަސްކޮޅަކު ބަންދުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ނޫނީ އުމުރު ދުވަހަށް ޖަލަށް ލާފައި ބަހައްޓަނީ. މިހާރު ރާއްޖެއަކީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި ޤައުމެއްކަން އެނގޭނެ." ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ޤާނޫނީ ބަދަލުތައް ގެނެސް، މަސްތުވާތަކެތި އެތެރެކޮށްފި ނަމަ މަރުގެ ޙުކުމް ތަންފީޒުކުރުމަކީ ސަރުކާރުގެ ސިޔާސަތުކަމަށެވެ. އެއީ މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށްދިން ސާފު މެސެޖެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަލީ އިޙުސާން ވިދާޅުވީ، މި ފަހަކަށް އައިސް ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފަިއވާކަމށެވެ. އެގޮތުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެއާޕޯޓުގައި ބޮޑީ ސްކޭނަރ ބަހައްޓާ، ޑްރަގް އެތެރެކުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު އެ މަގުން ކުރައްވަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވަޒީރު ވިދާޅުވީ، އިއްޔެ ވެސް ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ނޭޕާލްގެ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި އެ މަސައްކަތަށް އިތުރު މުވައްޒަފުން ބޭނުން ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރިން ނުފެނިދާ ވަރަށް ގިނަ ކަންކަން ބޯޑަރ ސްކޭނާ މެދުވެރިކޮށް ފެނޭ. މިވަގުތަށް ބަލާއިރު އިތުރަށް މުވައްޒަފުން ބޭނުން ނުވޭ. މި ވަގުތަށް އިންޓަސެޕްޝަންތައް އިންޓެލިޖެންސް ބޭސްކޮށް ކުރިއަށްގެންދިޔައީމަ، ހަށިގަނޑުގައި ފޮރުވައިގެން ނުވަތަ ފޮށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވޭނެ." ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

އަދަބުތައް ހަރުކަށި ކުރުމުގެ އިތުރުން، މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ. އަމާޒަކީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ޙައްޤު އަދަބު ދިނުމާއި، މި ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *