ރާއްޖޭގައި އިންވެސްޓުކުރުމަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރުގެ ބޮޑެތި އިތުރު އިންވެސްޓުމެންޓުތައް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމްއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކުރުމުގެ ޝައުގުވެރިކަން ބޭރުގެ އިންވެސްޓަރުންގެ މެދުގައި އުފެއްދުމަށް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އިންވެސްޓަރުންނަށް ފަހި މާހައުލެއް އުފެއްދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެއްކަމަކީ އިންވެސްޓުމެންޓާ ބެހޭ ޒަމާނީ ގާނޫނެއް އެކުލަވައިލާ ބޭރުގެ އިންވެސްޓަރުންނަަށް ކުރިއަށްވުރެ ފަހިވާނެ ގާނޫނީ އޮނިގަނޑެއް އެކުލަވައިލެއްވުމެވެ.
އޭގެ އިތުރަށް އެކި ގައުމުތަކުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތައް ބަޔާންކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ވިދާޅުވެދެއްވަމުން ރައީސް ފާހަގަކުރެއްވީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުުރުފުޅެއްގައި ވަޑައިގަންނަވާ ގައުމުތަކުގެ ވިޔަފާރިވެރިންނާއެކު އިންވެސްޓަރ ފޯރަމުތައް ބާއްވަވާ ކަމެވެ.މިފަދަ އަށެއް ނުވަތަ ދިހަ ވަރަަކަށް ފޯރަމު ބޭއްވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިތަންތަނަށް އާދޭ ވަރަށް ގިނަ ފަރާތްތައް. ވަރަށް ބޮޑަށް އަޅުގަނޑުމެން ބަލަން ރާއްޖޭގައި ހުރި ފުރުސަތުތަކާއި ރާއްޖޭގައި އިންވެސްޓުކުރުމުގައި ހުރި ފަސޭހަތަކާއި މިހުރިހާ ކަންކަން ކިޔައިދޭން. ދެން އިންޓަނޭޝަަލް ކަމާ ބެހޭ ހުރިހާ ފަރާތްތަކާ އަޅުގަނޑުމެންގެ ކަމާބެހޭ އެކި ކަހަލަ އިންސްޓިޓޫޝަންސްތަކުން އެދަނީ މަސައްކަތްކުރަމުން. އެހެންވީމާ ކޮންފިޑެންސް އުފެދޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އަންނަނީ ޒިންމާދާރުކަމާއެކު ވަރަށް ގިނަ މަސައްކަތްތައް ކުރަމުން ކަމަށެވެ. އެމަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އީގަލް ހިލްސްގެ މަޝްރޫއުގެ ކުރިން އައިލާއިން ޓައުންޝިޕް މަސައްކަތް ފަށައި، ގޫގުލްގެ ބޮޑު އިންވެސްޓުމެންޓުވެސް ރާއްޖެއަށް ގެނެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިހާރު ދުނިޔޭގެ ބޮޑެތި އިންވެސްޓަރުންވެސް ރާއްޖެއަށް އަންނަމުންދާއިރު، ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ސިންދަފާތުކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާއިރު، ރާއްޖޭގެ އިގުތިސާދުގެ މުހިއްމު އެކި ދާއިރާތަކަށް ބޮޑެތި އަދި މެދު ފަންތީގެ އިންވެސްޓަރުންނާއި ކާމިޔާބު ވިޔަފާރިތައް އިންވެސްޓުކުރަމުންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.






