ފުށިދިއްގަރު ފަޅު ހިއްކައިގެން އުފައްދާފައިވާ ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ ބަޔަކަށް ނުދެއްވާނެކަމަށާއި، އެ މަޝްރޫއާމެދު ދިވެހި ރައްޔިތުން ދެކޭ ހުރިހާ ހުވަފަނެްތަކަކާއި އުންމީދުތަކެއް ހަގީގަތަކަަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ގެނެސްދޭ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫއަކީ އިގުތިސާދީ، އިޖުތިމާއީ އަދި ހުރިހާ ގޮތަކުން ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ވަރަށް ބޮޑަށް މަތިކޮށްދޭނެ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި ހިއްކާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޮންމެ މަޝްރޫއެއްގައިވެސް ގޮންޖެހުންތަކާ ދިމާވާ ފަދައިން މި މަޝްރޫއު ހިންގުމުގައިވެސް އެކި މަރުހަލާތަކުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.
"ޕްރޮޖެކްޓް މެނޭޖުމެންޓުގައި އުޅޭ މީހުންނަށް އެނގޭނެ ޕްރޮޖެކްޓެއް ފަށައިގެން ދާއިރަކު ދުވަހަކުވެސް އެ ޕްލޭންކުރި ގޮތަކަށް ނިމިގެން ނުދާކަން. ކުދިކުދި ގޮންޖެހުންތައް އައިސް ދެންޖެހޭނީ އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރަން. މުޅި ޕްރޮޖެކްޓުގެ ޑިއުރޭޝަންގެ ތެރޭގައި އަންނާނެ އެކަހަލަ ކަންކަން،"ރައީސް ވިދާޅުވިއެވެ.
ރަސްމާލޭ މަޝްރޫއު ފެށިގެން މިހާތަނަށް އެކި ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ކުރަން އުޅޭ މަސައްކަތަށް ބަދަލުތަކެއް އައިސްފައިނުވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު 70 އިންސައްތައާ ހަމައަށް ހިއްކައި ނިމިފައިވާއިރު އުންމީދުކުރައްވަނީ މި އަހަރުގެ ނިޔަލަށް ބިން ހިއްކައި ނިންމައިލެއްވުން ކަމަށެވެ. އެބިން ހިއްކައި ނިމުމުން އުފެދިގެންދާނީ 1،100 އެއްހަައި ހެކްޓަރުގެ ބޮޑު ސަރަހައްދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ބިމެއް ކްރިއޭޓްވުމަކީ އެންމެ ބޮޑު އެސެޓް އެ ލިބެނީ. އެބިމުގެ އަގު ވަރަށް ބޮޑުވާނެ، ކޮންމެ ތަނެއްގައިވެސް، ހާއްސަކޮށް އިކޮނޮމިކް އެކްޓިވިޓީ ބޮޑު ސަރަހައްދެއްގައި ބިން ހިއްކީމާ އެއީ ވަރަށް ބޮޑު އަގުހުރި ރައުސުލްމާލެއް، އެއީ އަންނަން އޮތް ޖީލުތަކަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.






