މިހާރު ހިނގަމުންދާ ސަރުކާރު ފެއިލްވެފައިވާ ކަމަށާއި، 2028 ވަނަ އަހަރު އުފެދޭ އެމްޑީޕީގެ ސަރުކާރަކީ ރައްޔިތުންނަށް ފުދުންތެރިކަން ކަށަވަރުކޮށްދޭނެ ސަރުކާރެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ކ. ގުރައިދޫއަށް މިއަދު ކުރެއްވި ޒިޔާރަތަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ޝާހިދު ވިދާޅުވީ، ގުރައިދޫއިން މިއަދު ބައްދަލުވި ހުރިހާ ރައްޔިތުންވެސް ފާހަގަކުރީ މި ސަރުކާރު ފެއިލްވެފައިވާ މިންވަރު ކަމަށެވެ.
އަދި ރައްޔިތުންގެ ފުދުންތެރިކަން ދުވަހެއް ދުވަހަކަށް ދަށަށްދާ ކަމުގެ ކަންބޮޑުވުން އެ ރަށުގެ ރައްޔިތުން ފާޅުކުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މި ކަންބޮޑުވުންތަކާ ގުޅިގެން ޝާހިދު ވިދާޅުވީ، 2028 ވަނަ އަހަރު އެކުލަވާލެވޭ އެމްޑީޕީގެ ސަރުކާރަކީ އެންމެހާ ރައްޔިތުންނަށް ފުދުންތެރިކަން ފޯރުކޮށްދޭނެ ވެރިކަމެއް ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައިވާނެ ކަމަށެވެ.
މީގެއިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމުގެ ޓިކެޓް އޭނާއަށް ދިނުމަށް ގުރައިދޫގެ ގިނަ ރައްޔިތުން ތާއީދުކުރައްވާކަން ހާމަކުރެއްވި ކަމަށްޓަކައި ޝާހިދު ވަނީ އެ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.





