ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުންނާއި ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ލީޑަރޝިޕަށް އައްޔަން ކުރައްވާފައިވާ ބޭފުޅުން މަޤާމުގެ އިގްރާރުވެއްޖެއެވެ.
މި މަޤާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުން އިގްރާރުވެފައިވަނީ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ބޭއްވި ޚާއްސަ ސެޝަނެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި މިނިސްޓަރުންނާއި މިނިސްޓަރުންގެ ފެންވަރުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ލީޑަރޝިޕަސް އައްޔަން ކުރައްވާ ބޭފުޅުންނާއި ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯއިންގެ ތެރެއިން އައްޔަން ކުރައްވާ ބޭފުޅުންގެ އިތުރުން މަތީ މަޖިލީހަށް އިންތިޚާބުވި މެންބަރުން ވަނީ ހުވާ ކުރައްވާފައެވެ.
ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން
• ޕާޓީގެ ޗެއަރޕާސަން: ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ
• ޕާޓީގެ ނައިބު ރައީސް: ރައީސުލްޖުމްހޫރިއްުޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް
• ޕާޓީގެ ނައިބު ރައީސް: ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާހު
• ޕާޓީގެ ސެކްރެޓްރަރީ ޖެނެރަލް: މޫސާ ފަތުހީ އާދަމް
• ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް: މުހައްމަދު ލަމްއާން
• ހަޒާންދާރު: ހުސައިން ފަހުމީ
ޕާޓީއަށް އިންތިޚާބުވި 6 ނައިބު ރައީސުން
• ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
• މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
• ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
• ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
• އިގްތިސާދީ ތަރައްގީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު
• ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް
ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގައި ޕާޓީގެ ރައީސް އައްޔަން ކުރައްވާފައިވާ 7 މެންބަރުން
• ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޒް
• ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާސިރު
• ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން
• ސިއްހަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ގީލާ އަލީ
• ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު
• ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުޙައްމަދު ތަލާލް
• ދިވެހިރާއްޖޭން ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފް
ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯގެ ތެރެއިން ޕާޓީގެ ރައީސް އައްޔަން ކުރައްވާފައިވާ 3 މެންބަރުން
• މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް
• އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު
• އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް
މި މެންބަރުންގެ އިތުރުން ޕީއެންސީގެ މަތީ މަޖީލަހަށް އިންތިޚާބުކޮށްފައިވާ މެންބަރުންނާއި އަންހެނުންގެ ރޫޙުގެ އިސް ބޭފުޅުންނާއި ޒުވާނުންގެ ރޫހުގެ އިސް ބޭފުޅުންގެ އިތުރުން ޕާޓީގެ އިންތިޚާބުތަކުން ސްޓިއަރިން ކޮމިޓީތަކުގެ އެކި މަޤާމުތަކާއި ދާއިރާތަކުގެ މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންވެސް ވަނީ އިގްރާރުވެފައެވެ.






