ވެރިކަމަށް ގެންނަން ވާނީ ރޯފިލާފައި ހުރި މީހަކު، ޕީއެޗްޑީއެއް އޮތަކަސް އަދި ނުވާނެ: ޔާމީން

ވެރިކަމަށް ގެންނަން ވާނީ ރޯފިލާފައި ހުރި މީހަކު، ޕީއެޗްޑީއެއް އޮތަކަސް އަދި ނުވާނެ: ޔާމީން

ވަކި ދާއިރާއަކުން ޕީއެޗުޑީއެއް ހާސިލުކޮށްފައިވިޔަސް، ވެރިކަމަށް ގެންނަން ވާނީ ރޯފިލާފައި ހުރި މީހެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ގަވަނަންސްގެ އެންމެ މަތީ މަރުހަލާގައި އުޅެން ބޭނުންވާ ނަމަ، އެކަމާ ގުޅުން ހުރި ދާއިރާތަކުން އެ މީހަކު ރޯފިލައި އަހުލުވެރިވެފައި ހުންނަން ޖެހޭ ކަމަށެވެ. "ވަކި ރޮނގަކުން ފާސް އޮންނަން ޖެހޭ ވާހަކައެއް ނޫން، އެކަމަކު ރޯފިލާފައި ހުރި މީހަކު ރައީސްކަމަށް ލައްޗޭ،" ޔާމީން ވިދާޅުވިއެވެ.

ރޯފިލުމަކީ ހަމައެކަނި ޑިގްރީއެއް ހާސިލުކުރުން ނޫން ކަމަށާއި، ގާނޫނާއި ދައުލަތް ހިނގާ ގޮތާއި ދައުލަތުގެ ބާރުތައް އޮތް ގޮތާއި ރައްޔިތުންގެ މަޖިލިސް ހިނގާ ގޮތަށް އަހުލުވެރި މީހަކަށްވުން ކަމަށް ޔާމީން ވިދާޅުވިއެވެ. މިއީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗުޑީ ހާސިލް ކުރައްވައިގެން ހުންނެވި ރައީސް މުހައްމަދު މުއިއްޒަށް ނުސީދާކޮށް ދެއްވި ރައްދެއް ކަމަށް ބެލެވެއެވެ.

ރައީސް މުއިއްޒަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ދެއްވުމަށްފަހު، ޔާމީން ދެން ބަހުގެ ހަމަލާތަކެއް ދެއްވީ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށެވެ. "މިހާރުވެސް އިނގިރޭސިވިލާތުގެ ޕާލިމަންޓުން 10 މެންބަރުންގެ ވަފުދެއް އައިސިއްޔާ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އެ މީހުންނާ ވާހަކަ ދެއްކުމަށް 10 މެންބަރުން ނުނެގޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *