ލޯބިވެރިޔާއަށް ދިން 3.5 ކްރޯޑު ރުޕީސްގެ ހަދިޔާތައް އަނބުރާ ހޯދަން ކުރި ދައުވާ ކޯޓުން ބޭރު ކޮށްލައިފި

ލޯބިވެރިޔާއަށް ދިން 3.5 ކްރޯޑު ރުޕީސްގެ ހަދިޔާތައް އަނބުރާ ހޯދަން ކުރި ދައުވާ ކޯޓުން ބޭރު ކޮށްލައިފި

އިންޑިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި TCI Express ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޗަންދަރު އަގަރްވާލް އޭނާގެ ކުރީގެ ލޯބިވެރިޔާއަށް ދީފައިވާ އަގުބޮޑު ހަދިޔާތަކާއި ޚަރަދުތަކަށް ވީ 468,090 ސިންގަޕޫރު ޑޮލަރު (ގާތްގަނޑަކަށް 3.5 ކްރޯޑު އިންޑިއަން ރުޕީސް) އަނބުރާ ހޯދުމަށް ސިންގަޕޫރުގެ ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ޗަންދަރު އަގަރްވާލް ކޯޓުގައި ދަޢުވާކުރަމުން ބުނެފައިވަނީ، އޭނާގެ ކުރީގެ ލޯބިވެރިޔާ ފެލިޝިއާ ލީ އަށް އެކި ކަންކަމުގައި ދީފައިވާ ފައިސާއަކީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކާ ގޮތަށް ދިން ފައިސާ ކަމަށެވެ. ނަމަވެސް، ސިންގަޕޫރު ހައިކޯޓުގެ ސީނިއާ ޖަޖް ސިއު ކިން ނިންމެވީ އެ ފައިސާއަކީ ލޯނެއް ނޫން ކަމަށާއި، އެއީ ލޯބީގެ ގުޅުމުގެ ތެރެއިން ދީފައިވާ ހަދިޔާތަކެއް ކަމަށެވެ.

ފެލިޝިއާ ލީ އެ ފައިސާ އަނބުރާ ދައްކާނެ ކަމަށް އެއްބަސްވެފައިވާކަމުގެ އެއްވެސް ލިޔެކިއުމެއް ނުވަތަ ހެއްކެއް އަގަރްވާލްއަށް ހުށަހެޅިފައެއް ނުވެއެވެ.

2022 ވަނަ އަހަރުގެ އޯގަސްޓް މަހު ފެލިޝިއާ ލީ ފައިސާ އަނބުރާ ދައްކާނީ ކިހިނެއްތޯ ސުވާލުކުރުމުން، އަގަރްވާލް އަމިއްލައަށް އޭނާއަކީ "ފައިސާ ކުއްޔަށްދޭ މީހެއް ނޫން" ކަމަށާއި އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް މެސެޖުކޮށްފައިވެއެވެ.
އެދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުން ފެށުމުގެ ކުރިންވެސް އަގަރްވާލް ވަނީ ޔޫރަޕް ދަތުރުތަކާއި އަގުބޮޑު ހަދިޔާތައް ފެލިޝިއާއަށް ދީފައެވެ. ވޮޓްސްއެޕް މެސެޖުތަކުން ފެންނަން އޮތީ ރުފިޔާ އާއި އަގުބޮޑެތި ތަކެތި ދޭން އަމިއްލައަށް ހުށަހެޅީ އަގަރްވާލްކަމެވެ.

މައްސަލަ ނިންމަވަމުން ސީނިއާ ޖަޖް ސިއު ކިން ވިދާޅުވީ، އަގަރްވާލްއަކީ މުއްސަނދި މީހެއް ކަމަށާއި، ގުޅުން އޮތްއިރު އަމިއްލަ އިޚްތިޔާރުގައި ދިން ހަދިޔާތަކެއް، ގުޅުން ނިމުމަކަށް އައުމުން އަނބުރާ ހޯދަން ދައުވާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން، އިނގިރޭސި އަދީބު ވިލިއަމް ކޮންގްރީވްގެ މަޝްހޫރު ބަސްފުޅެއް ކަމަށްވާ "ލޯބި ނަފްރަތަށް ބަދަލުވުމުން އަންނަ ރުޅިއަށްވުރެ ނުރައްކާތެރި ރުޅިއެއް ނުވޭ" މި ޖުމްލައަށް އިޝާރާތް ކުރައްވައި ގާޒީ ވިދާޅުވީ، މިއީ ހަމައެކަނި ވަކި ޖިންސަކަށް އެކަނި ޚާއްޞަ އިޙްސާސެއް ނޫންކަން މި މައްސަލައިން އެނގިގެންގޮސްފައިވާ ކަމަށެވެ.

މި ނިންމުމާއެކު، އަގަރްވާލް އެދެމުންދިޔަ 468,090 ސިންގަޕޫރު ޑޮލަރުން އެއްވެސް މިންވަރެއް ފެލިޝިއާ ލީ އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *