ފުރަން ދިޔައިރު ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިއޮތް މީހަކަށް ޔޫއޭއީގެ އެއާޕޯޓުން 8 މިނެޓުން ޕާސްޕޯޓު އާކޮށްދީފި

ފުރަން ދިޔައިރު ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިއޮތް މީހަކަށް ޔޫއޭއީގެ އެއާޕޯޓުން 8 މިނެޓުން ޕާސްޕޯޓު އާކޮށްދީފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައްޔިތަކު ދުބާއި އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދިޔަތަނާ، އޭނާގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާކަން އެނގުނެވެ. ނަމަވެސް އެއާޕޯޓުގައި ގާއިމުކޮށްފައިވާ ޕާސްޕޯޓު އާކުރާ ސެކްޝަނަށް ގޮސް، އެންމެ 8 މިނެޓު ތެރޭގައި އޭނާއަށް އާ ޕާސްޕޯޓެއް ލިބި، ދަތުރު ކުރިއަށް ގެންދެވޭގޮތް ވިއެވެ.

މިއީ ސަރުކާރުގެ ހިދުމަތްތައް އަވަސްކުރުމުގައި ދުނިޔެއަށް ދެއްކި އާދަޔާ ޚިލާފު ނަމޫނާއެކެވެ.

މި ހަބަރާއެކު، ދިވެހިންގެ މެދުގައި ސުވާލު އުފެދުނީ ރާއްޖޭގައި މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ކަންކަން ހަމަޖެހިގެން ދާނީ ކިހިނެއްބާއެވެ؟

ދިވެހިރާއްޖޭގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް އޮންލައިންކޮށް 'އިމުގާ' ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބެން ހުރި ނަމަވެސް، އެއާޕޯޓަށް ގޮސް ހުރެގެން އެވަގުތުން އެވަގުތަށް ޕާސްޕޯޓު އާކޮށްލެވޭނެ އިންތިޒާމެއް އިމިގްރޭޝަނުން އަދި ގާއިމުކޮށްފައެއް ނުވެއެވެ.

އާންމު ގޮތެއްގައި 'އިމުގާ' މެދުވެރިކޮށް ހުށަހަޅާ އާދައިގެ ޕާސްޕޯޓު އާކުރުމުގެ މަސައްކަތަށް 1-2 މަސައްކަތު ދުވަސް ނަގައެވެ.
ބޭސްފަރުވާއަށް ފުރަންޖެހުން ފަދަ ކުއްލި ކަމެއް ދިމާވެއްޖެނަމަ، އިމިގްރޭޝަންގެ އިމަޖެންސީ ހޮޓްލައިން (9555333) އަށް ގުޅައިގެން އަވަސް ހިދުމަތެއް ހޯދުމުގެ ފުރުސަތު އޮވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާސްޕޯޓު އާކޮށްދޭ ކައުންޓަރެއް ނުހުންނާތީ، ފުރަން ގޮސް ހުންނަ މީހެއްގެ ޕާސްޕޯޓު މުއްދަތު ހަމަވެފައިވާކަން އެނގިއްޖެނަމަ، އެ މީހަކަށް އެ ފްލައިޓުން ދަތުރެއް ނުކުރެވޭނެއެވެ. ޖެހޭނީ އެޕްލިކޭޝަން ހުށަހަޅައިގެން މާލޭގައި ހުންނަ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓު ތައްޔާރުވަންދެން އިންތިޒާރު ކުރާށެވެ.

ޔޫއޭއީ ފަދަ ގައުމުތަކުން ޓެކްނޮލޮޖީއާއި ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ އަވަސް ހިދުމަތްތަކަކީ، ރާއްޖޭގެ އިމިގްރޭޝަން ދާއިރާ ތަރައްގީކުރުމުގައިވެސް ކުރިއަށް އޮތް ތަނުގައި ނަމޫނާއަކަށް ބެލިދާނެ ކަންކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *