ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ އިން އެކުލަވާލާފައިވާ އެ ގައުމުގެ "މޯސްޓް ވޯންޓެޑް" ޓެރެރިސްޓުންގެ އާ "ރެޑް ބުކް" ލިސްޓުގައި، ޖައިޝީ މުޙައްމަދު (ޖޭއީއެމް) ޖަމާޢަތުގެ ވެރިޔާ މައުލާނާ މަސްޢޫދު އަޒްހަރު ހައްޔަރުކުރުމަށް މަޢުލޫމާތު ދޭ ފަރާތަކަށް ދޭ އިނާމު 70 ލައްކަ ޕާކިސްތާނު ރުޕީސް އަށް ބޮޑުކޮށްފިއެވެ.
އެފްއައިއޭ އިން 2021 ވަނަ އަހަރު މަސްޢޫދު އަޒްހަރު ހައްޔަރުކުރުމަށް މަޢުލޫމާތު ދޭ ފަރާތަކަށް ހުށަހެޅީ 50 ލައްކަ ރުޕީސްއެވެ. ނަމަވެސް އާ ލިސްޓާއެކު މި އިނާމުގެ އަދަދު ވަނީ 20 ލައްކަ ރުޕީސް އިން އިތުރުކޮށްފައެވެ.
މި ނިންމުމަކީ އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް ގެ މުހިންމު ބައްދަލުވުމުގެ ކުރިން، ޓެރެރިޒަމާ ދެކޮޅަށް ޕާކިސްތާނުން ފިޔަވަޅުތައް އަޅަމުންދާކަން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދެއްކުމަށާއި، އެފްއޭޓީއެފްގެ "ގްރޭ ލިސްޓު" ގައި އަލުން ހިމެނުމުން ރެކުމަށް ޕާކިސްތާނުން އެޅި ފިޔަވަޅެއް ކަމަށް ޚަބަރުތައް ބުނެއެވެ.
ޕާކިސްތާނު ސަރުކާރުން ބުނަމުންދަނީ މަސްޢޫދު އަޒްހަރު 2021 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި ނުއުޅޭ ކަމަށާއި، އޭނާ ފިލައިގެން އުޅެނީ އަފްޣާނިސްތާނުގައި ކަމަށެވެ. ނަމަވެސް، އިންޑިއާގެ އިންޓެލިޖެންސް އިދާރާތަކުން ބުނާ ގޮތުގައި މަސްޢޫދު އަޒްހަރު އަދިވެސް އުޅެނީ ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ ނަވާބްޝާހުގައެވެ.
އިންޑިއާއިން ބުނާ ގޮތުގައި މަސްޢޫދު އަޒްހަރަކީ 2019 ވަނަ އަހަރު ޕުލްވާމާގައި ދިން ޙަމަލާ އަދި 2001 ވަނަ އަހަރު އިންޑިއާގެ ޕާލަމެންޓަށް ދިން ޙަމަލާ ހިމެނޭހެން، އިންޑިއާގައި ދެވިފައިވާ ނުރައްކާތެރި ގިނަ ޓެރެރިސްޓް ޙަމަލާތަކުގެ އަޑީގައި ހުރި މީިހާއެވެ.
އެފްއައިއޭގެ އެންމެ ފަހުގެ "ރެޑް ބުކް" ގައި 1،804 ޓެރެރިސްޓުންގެ ނަން ހިމެނޭއިރު، އޭގެ ތެރޭގައި 2008 ވަނަ އަހަރު މުމްބާއީއަށް ދިން ޓެރެރިސްޓް ޙަމަލާއާ ގުޅުންހުރި 19 މީހަކުވެސް ހިމެނެއެވެ.






