ވިއްސާރާގައި ގެއްލުންވި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް ޝާހިދު ގޮވާލައްވައިފި

ވިއްސާރާގައި ގެއްލުންވި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް ޝާހިދު ގޮވާލައްވައިފި

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކިވަރުގެ ގެއްލުންތައް ލިބުނު އެންމެހާ ޢާއިލާތަކަށް ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، އައްޑޫ ސިޓީއަށާއި، ޚާއްޞަކޮށް ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ އެކިވަރުގެ ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ. މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޝާހިދު ވިދާޅުވީ، މި ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ލަސްނުކޮށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

މީގެއިތުރުން، ޝާހިދު ވަނީ މި ހާދިސާގައި ގެއްލުން ލިބުނު އެންމެހާ ޢާއިލާތަކަށް ހެޔޮ ދުޢާ ފޮނުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެދުމަކީ އަދި ދުޢާއަކީ މި ހާދިސާގައި ގެއްލުން ލިބުނު އެންމެހާ ޢާއިލާތަކަށް ލިބުނު ގެއްލުންތަކުން އަރައިގަނެވި، ވީއެންމެ އަވަހަކަށް އާންމު ދިރިއުޅުމަށް ރުޖޫޢަ ވެވޭނެ މަގު މާތް ﷲ މިންވަރު ކުރެއްވުން ކަމަށެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، ގިނަ ރަށްތަކެއްގައި ފެންބޮޑުވެ ރައްޔިތުންގެ މުދަލަށާއި ގެދޮރަށް އެކިވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. އަދި މިފަދަ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަލާމަތީ ޚިދުމަތްތަކާއި ކައުންސިލްތައް ގުޅިގެން ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *