ކޮންމެ ވަޒީފާއެއްގައިވެސް ހިނިތުންވުމަކީ މުހިންމު ކަމެއް

ކޮންމެ ވަޒީފާއެއްގައިވެސް ހިނިތުންވުމަކީ މުހިންމު ކަމެއް

އަޅުގަނޑުމެންގެ ދޭދޭ އިޖުތިމާއީ ގުޅުންތަކާއި ވަޒީފާގެ މާހައުލުގައި ހިނިތުންވުމަކީ އެކަކު އަނެކަކަށް ފޯރުކޮށްދެވޭނެ އެންމެ އާދައިގެ، އަދި އެންމެ ނުފޫޒުގަދަ އެއް އިހުސާސެވެ. އޮފީހެއްގެ ރިސެޕްޝަނުން ފެށިގެން، ހޮސްޕިޓަލްތަކާއި، ކިޔަވައިދޭ މުއައްސަސާތަކާއި، ވިޔަފާރިކުރާ ތަންތަނުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް މޫނުމަތިން ހިނިތުންވުން ދެއްކުމަކީ ހަމައެކަނި "ޕްރޮފެޝަނަލް" ސިފައެއް ނޫނެވެ. އިސްލާމްދީނުގައި އެއީ މާތް އަޅުކަމެކެވެ.

ކީރިތި ރަސޫލާ ﷺ ގެ މާތް ސުންނަތަށް ބަލާއިރު، އެކަލޭގެފާނަކީ އަބަދުވެސް އަޞްޙާބުބޭކަލުންނާ ބައްދަލުކުރައްވާއިރު މޫނުމަތިން އަލިކަމާއި ހިނިތުންވުން ދެއްކެވި ބޭކަލެކެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ:

تَبَسُّمُكَ فِي وَجْهِ أَخِيكَ لَك صَدَقَةٌ
"ތިބާގެ އަޚާގެ މޫނަށް ބަލައި ހިނިތުންވެލުމަކީ ތިބާއަށް އޮތް ސަދަޤާތެކެވެ." (ޖާމިޢު އަލް-ތިރްމިޛީ: 1956)

މި ޙަދީޘުން އެނގިގެންދަނީ ވަޒީފާގެ މާހައުލުގައި ޚިދުމަތް ހޯދަންއަންނަ އަންނަ މީހުންނަށާއި، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިނިތުންވުމާއެކު ކުރިމަތިލުމަކީ ދީނީ ގޮތުން ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް ކަމެވެ. އިސްލާމްދީން ބާރު އަޅަނީ ރީތި އަޚްލާޤަށެވެ. މީހުންނާ ރީތިކޮށް ވާހަކަދެއްކުމާއި، މޫނުމަތިން އުފާވެރިކަން ދެއްކުމަކީ މަސައްކަތުގެ މާހައުލުގައި އިޙްތިރާމާއި ލޯބި އިތުރުކޮށްދޭ ކަމެކެވެ.

މަސައްކަތުގެ މާހައުލުގައި ދިމާވާ ތަކުލީފުތަކާއި ސްޓްރެސް ކުޑަކުރުމަށް ހިނިތުންވުން އެހީތެރިވެދެއެވެ. އިސްލާމީ އުޞޫލުތަކުގައިވާ ގޮތުން އެކަކު އަނެކަކަށް އުފާވެރިކަން ފޯރުކޮށްދިނުމަކީ ހިތްތަކަށް ހަމަޖެހުން ލިބޭ ކަމެކެވެ.
ކަސްޓަމަރުންނާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާ ކިޔުމަކީ އިތުބާރު ބޮޑުވެ، މުއައްސަސާގެ ނަން ރީތިވެގެންދާނެ ކަމެކެވެ.

ނިޔަތް ރަނގަޅުކޮށް، މީހުންނަށް އޯގާތެރިވުމުގެ ގޮތުން ކުރާ ކޮންމެ ހެޔޮ އަމަލަކީ މަސައްކަތާއި އާމްދަނީގައި ބަރަކާތް ލައްވާނެ ކަމެކެވެ.

ވަޒީފާއަކީ ހަމައެކަނި ފައިސާ ހޯދުމަށް ކުރާ ކަމެއް ނޫނެވެ. އެއީ އުއްމަތަށް ޚިދުމަތްކޮށް، ހެޔޮ އަމަލު ގިނަކުރުމަށް ލިބޭ ފުރުޞަތެކެވެ. އެހެންކަމުން، ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރިކަމުގައި ވިޔަސް، ހިނިތުންވުމާއެކު ޚިދުމަތް ދިނުމަކީ ސުންނަތް ދިރުވައި، މަސައްކަތުގައި ބަރަކާތް ހޯދުމަށް އޮތް އެންމެ ފަސޭހަ އެއް މަގެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *