މޯލްޑިވްސް ޕްރިމިއަރ ބޭންކު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޚްކުރުމަށް ބާސެލޯ ނަރަންދުރަގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މޯލްޑިވްސް ޕްރިމިއަރ ބޭންކަކީ، ދިވެހިރާއްޖޭގައި ލައިސެންސް ލިބި ހިންގަން ރަސްމީކޮށް ޚިދުމަތް ދޭން ފެށި 9 ވަނަ ބޭންކެވެ. ބޭންކުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު މި ބޭންކުގެ ފުރަތަމަ ބްރާންޗުވެސް މިހާރުވަނީ ހުޅުވާފައެވެ. ބްރާންޗު ހުޅުވުމަށް ފަހު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ ބޭންކުގެ ޚިދުމަތްތައް ދިނުމަށް އެކަމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނާއި އަދި ކަސްޓަމަރުންގެ ބޭންކިން އެކި ޚިދުމަތްތައް ހޯދުމަށް ބޭނުންކުރާނެ އިންޓަރނެޓް ބޭންކިން ޕޯޓަލް މިހާރު ވަނީ އިފްތިތާޙްކޮށްފައެވެ.
މި ދެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕްރިމިއަރ ބޭންކުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. މި ހަނދާނީ ފިލާ އެމަނިކުފާނާއި ހަވާލުކޮށްދެއްވީ މޯލްޑިވްސް ޕްރިމިއަރ ބޭންކުގެ ޝެއަރ ހޯލްޑަރ އަދި ފައުންޑަރ މުޙައްމަދު ޢަލީ ޖަނާޙްއެވެ.
ބޭންކުގެ ޚިދުމަތްތައް އޮންލައިން ޚިދުމަތްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަރުކަޒީ ބޭންކުގެ ގަވަރ އަހުމަދު މުނައްވަރު ވިދާޅުވީ ރާއްޖޭގެ ބޭންކިންގ ސިނާއަތް ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށެވެ. އަދި މި ދާއިރާއަށް ދިވެހި ގިނަ އިންވެސްޓަރުން ގެނައުމަށްޓަކައި ފަހި މާހަލެއް ޤާއިމުކުރުމަށް އެމްއެމްއޭއިން މަސައްކަތްކުރަމުންދާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ޕްރިމިއަރ ބޭންކުގެ ޗެއަރޕާސަން ޢާއިޝާ ނޫރްޢައިން ޖަނާޙް ދެއްކެވި ވާހަކަފުޅުގައި މި ބޭންކާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށާއި ކުރިމަގުގައި އިތުރު ކުރިއެރުންތައް ގަނައުމަކީ އަމާޒު ކަމަށެވެ.
ރަސްމިއްޔާތުގެ ތެރެއިން ޕްރިމިއަރ ބޭންކުގެ ފަރާތުން ވަނީ އެ ބޭންކުފެ ޓެކްނިކަލް ޕާޓްނަރުންނަށް ހަނދާނީ ފިލާ އަރުވާފައެވެ. މި ބޭފުޅުންނަށް ހަނދާނީ ފިލާ އަރުވައި ދެއްވީ، ބޭންކުގެ ޗެއަރޕާސަން ޢާއިޝާ ނޫރްޢައިން ޖަނާޙްއެވެ.
މޯލްޑިވްސް ޕްރިމިއަރ ބޭންކުގެ ޚިދުމަތް ފަށާފައިވާ، އެ ބޭންކުން އާންމު ފަރުދުންނަށާއި، ވިޔަފާރިތަކާއި އަދި ކުންފުނިތަކުގެ ބޭނުންވާ ބޭންކިން ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ. މި ބޭންކު ހެދުމުގެ މަސައްކަތް ފެށިގެން ދިޔައީ މިދިޔަ އަހަރުގެ މޭއި މަހު ބޭންކުގެ އޮޕަރޭޓިން ލައިސެންސް މަރުކަޒީ ބޭންކުން ހަވާލުކުރުމާއެކުގައެވެ.






