ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ހިމެނެ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓަށް އިތުރު ކުރަން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރުއެވެ.
ގާނޫނަށް މި އިސްލާހު ގެނައުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައި ވަނީ، ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަ ކުރުމުގައި، ދިވެހި ވިޔަފާރިތަކާއި ވަޒަންވެރި ވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމް ކުރުން ކަމަށެވެ.
އެގޮތުން ގާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ ޖުމްލައިން ވިތު ހޯލްޑިން ޓެކުހުގެ ގޮތުގައި އުނިކުރުމަށް ކަނޑައަޅާފައިވާ ފަސް ޕަސެންޓް 10 ޕަސެންޓަށް ބޮޑުކޮށް އެ އަދަދަކީ އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމަށް ކަނޑައެޅުން ކަމަށްވެސް މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބިލުގައި ވަނީ ފާހަގަކޮށްފައެވެ.
ޤާނޫނު މިހާރު ކަނޑައަޅާފައި ވަނީ ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް ދައްކާފައިވާނަމަ، ވިތުހޯލްޑިން ޓެކްސް ދައްކަންޖެހުނު އާމްދަނީގެ އަދަދަކީ އެފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެއްގެ ގޮތުގައެވެ.
އަދި ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިހްތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ. މި ބިލުގައި ވަނީ ގާނޫނުގެ މި މާއްދާއަށް ދެ އަކުރު އިތުރުކުރަން ހުށަހަޅައިފައެވެ.
ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާނަމަ އެ ކޮންޓްރެކްޓަރުގެ ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި އެ ދޭ ފައިސާގެ 10 ޕަސެންޓް ދައްކަންޖެހޭނެއެވެ. މިހާރު ގާނޫނުގައި އޮންނަނީ އެފަދަ ކޮންޓްރެކްޓަރުން ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ދައްކަންޖެހެނީ އެ ލިބޭ ޖުމްލަ ފައިސާގެ ފަސްޕަސެންޓް ކަމަށެވެ.
މި އިސްލާހާއެކު ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާވެސް ސަރުކާރުން ވަނީ ހުށަހަޅުއްވާފައެވެ. ބިލުގައި ބުނެފައި ވަނީ މި އިސްލާހާ ގުޅިގެން އަހަރަކު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށެވެ.






