އަޅުކަންތައް ގިނަކޮށް، ހެޔޮ ޢަމަލުތައް ގިނަކުރި ކަމުގައި ވިޔަސް، އަހަރެމެންގެ ދުލާއި ޢަމަލުތަކުން ހެދޭ ކުދިކުދި ގޯސްތަކުގެ ސަބަބުން އެ ހެޔޮކަންކަން ބޭކާރުވެގެންދާ މަންޒަރަކީ މިއަދުގެ މުޖުތަމަޢުން އާންމުކޮށް ފެންނަ ހިތާމަވެރި ޙަޤީޤަތެކެވެ.
ދީނީ ޢިލްމުވެރިން މިކަން ސިފަކުރައްވަނީ "ލީކުވާ ބާލިދީ" އެއްގެ މިސާލުންނެވެ.
ވިސްނާލާށެވެ! ތިބާ ބާލިދީއަކަށް ނުވަތަ އުނބަކަށް ފެންފުރަމުން ދަނީއެވެ. ނަމަވެސް އެ ބާލިދީގެ އަޑީގައި ނުވަތަ އަރިމަތީގައި ކުދިކުދި ލޯވަޅުތަކެއް ހުރެއްޖެނަމަ، ކިތަންމެ ވަރަކަށް ފެންއެޅިޔަސް ބާލިދީ ފުރޭނެ ހެއްޔެވެ؟
އަހަރެމެން ކުރާ ނަމާދާއި، ރޯދައާއި، ޞަދަޤާތްތަކަކީ ބާލިދީއަށް އަޅާ ފެނެވެ. ނަމަވެސް އަހަރެމެންގެ ނުބައި އާދަތަކުގެ ސަބަބުން އެ ބާލިދީގައި ލޯވަޅުތައް ހެދި، ފުރަމުންދާ ހެޔޮކަންކަން ދަނީ އޮހެމުންނެވެ.
ޣީބަ ބުނުމާއި ފުރައްސާރަކުރުން: މީހުންގެ ޣީބަ ބުނުމާއި، ނިންމަން ނޭނގޭ ވާހަކަތައް ދެއްކުމަކީ ތިބާގެ ހެޔޮކަންކަން އަނެކާގެ ފޮތަށް ބަދަލުވެގެންދާ މައިގަނޑު ސަބަބެވެ.
ދެއްކުންތެރިކަން: އަޅުކަންތައް ކުރަނީ މީހުންގެ ތަޢުރީފު ހޯދުމަށް ކަމަށްވާނަމަ، އެ ޢަމަލެއްގެ ޘަވާބު އަލިފާނުން ދަރު އަންދާފަދައިން އަނދައިގެންދެއެވެ.
އަނިޔާވެރިވުމާއި ޙައްޤުތަކަށް އަރައިގަތުން: މީހުންގެ އަބުރަށް އަރައިގަތުމާއި، މާލީގޮތުން ނުވަތަ ނަފްސާނީގޮތުން އަނިޔާދިނުމަކީ ޤިޔާމަތް ދުވަހު ތިބާގެ ހެޔޮކަންކަމުން އެމީހުންނަށް ބަދަލު ދޭންޖެހޭނެ ކަމެކެވެ.
ޙަސަދަވެރިކަން: އަނެކާއަށް ލިބިފައިވާ ނިޢުމަތަކަށް ޙަސަދަވެރިވުމަކީ ހެޔޮކަންކަން ކައިހުސްކޮށްލާ ކަމެކެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަޙާބީންނަށް ޙަދީޘް ކުރެއްވިއެވެ.
"އަޞްޙާބުބޭކަލުންނޭވެ! މުފްލިސްފައިވާ މީހަކީ ކާކުކަން އެނގޭހެއްޔެވެ؟"
ޞަޙާބީން ދެންނެވިއެވެ: "އަޅުގަނޑުމެންގެ ތެރޭގައި މުފްލިސަކީ ފައިސާއެއް، މުދަލެއް ނެތް މީހާއެވެ."
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ:
"ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިން މުފްލިސަކީ، ޤިޔާމަތް ދުވަހު ނަމާދާއި، ރޯދައާއި، ޒަކާތުގެ ހެޔޮކަމާއެކު އަންނަ މީހާއެވެ. ނަމަވެސް އެމީހާ ވަނީ މީހަކަށް އެއްޗެހި ކިޔައި، މީހެއްގެ އަބުރު ކަތިލައި، މީހެއްގެ މުދާ ނާޖާއިޒު ގޮތުގައި އަތުލައި، މީހެއްގެ ލޭއޮހޮރުވާފައެވެ. އެހެންކަމުން އެމީހާގެ ހެޔޮކަންކަމުން އެ އެންމެންނަށް ދެވޭނެއެވެ. އެމީހާގެ ހެޔޮކަންކަން ހުސްވާއިރުވެސް ޙައްޤުތައް އަދާނުކުރެވިއްޖެނަމަ، އެމީހުންގެ ފާފަތައް މިމީހާގެ ބޮލުގައި އަޅުވައި، ނަރަކައަށް އެއްލައިލެވޭނެއެވެ.".. (ޞަޙީޙް މުސްލިމް)
މި ބާލިދީ ގައިވާ ލޯވަޅުތައް ބަންދު ކުރަން ކުރެވިދާނެ ބައެއްކަންކަން ބަލާލަމާ ހިނގާށެވެ. ބޭކާރު ވާހަކަތަކާއި، ޣީބައާއި ދޮގުން ދޫ އެއްކޮށް ރައްކާތެރިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން ކޮންމެ ހެޔޮކަމެއްވެސް މީހުންނަށް ދެއްކުމުގެ ބަދަލުގައި ހަމައެކަނި ﷲ އަށްޓަކައި ކުރާށެވެ.
މީހަކަށް ދެވިފައިވާ އަނިޔާއެއްވާނަމަ، ދުނިޔޭގައި ވަނިކޮށް މާފަށް އެދި ޙައްޤު އަދާކުރާށެވެ. އަދި ގިނަގިނައިން އިސްތިޣްފާރުކޮށް، ހެޔޮ ޢަމަލުތައް އިތުރުކުރާށެވެ. އަހަރެމެންގެ އަޅުކަންތައް ގިނަކުރުމުގެ ކުރިން، އަހަރެމެންގެ ހެޔޮކަންކަން ރައްކާތެރި ކުރެވޭނެ ގޮތް ހެދުން މުހިންމެވެ. ބާލިދީއަށް ފެންއެޅުމުގެ ކުރިން، ބާލިދީގައި ހުރި ލޯވަޅުތައް ބަންދުކުރާށެވެ!






