10 ދުވަސްތެރޭ ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރަން ނަޝީދު ގޮވާލައްވައިފި

10 ދުވަސްތެރޭ ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރަން ނަޝީދު ގޮވާލައްވައިފި

ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ކުޑަކޮށް، ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި 17 ރުފިޔާއަށް ކުޑަކުރުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައިވަނީ މާދަމާ ރޭ އެމްޑީޕީއިން ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާގައި އެ ޕާޓީގެ ފަރާތުން ސަރުކާރަށް ޑިމާންޑުތަކެއް ކުރާނެ ކަމަށެވެ.

އެގޮތުން އެ ޕާޓީގެ ފަރާތުން ޑިމާންޑުކުރާނެ އެއްކަމަކީ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކޮށްދިނުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މި ބުނަނީ ކުރިއަށް މި އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ސަރުކާރުން ތިރިކޮށްދޭށޭ. ދެން އެއް މަސް ދުވަހުގެ ތެރޭގައި 17 ރުފިޔާއަށް. އެ 17 ރުފިޔާއަކީ ޖެނުވަރީ 2026 ގައި މިހާރުގެ ސަރުކާރުން، ސަރުކާރާ ހަވާލުވިއިރުގައި އޮތް މިންވަރަށް. މިކަންކަން މިހެން ކުރުމަށް އަޅުގަނޑުމެން މި ގޮވާލަނީ،" އެމްޑީޕީގެ ޗެއާޕާސަން ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ޑޮލަރުގެ އަގު ކުޑަކޮށްދޭނެކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށެވެ. ޑޮލަރުގެ އަގު ތިރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ އިގްތިސޯދީ އިލްމުގައި ވަރަށް ސާފުކޮށް އެނގެން އޮތް ކަންކަން ކަމަށާއި، ސަރުކާރުން އެކަންކަން ނުކޮށް ތިބެ ޑޮލަރުގެ އަގު އިންތިހާއަށް އަރައިގެންދާން ދޫކޮށްލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ ކަމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އުންމީދު ކުރަނީ ސަރުކާރުން މި ކަންކަމަށް އިޖާބަ ދެއްވާނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އުފުލެމުން ދަނީ ބައެއް ނޫސްތަކުގައި ޖަހާ ސުރުޚީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ ބައެއް ނޫސްތަކުގެ ހެޑްލައިންތަކުގައި ހެނދުނު ހޭލާއިރު އެދުވަހުގެ ރޭޓަކީ 22 ރުފިޔާ ކަމަށް ޖަހާފައި ހުންނަ ކަމަށާއި، އެފަދަ ސުރުޚީތަކަކީ "ޕެނިކް އުފައްދައި"، "ފޭކް ނިއުސް" ފަތުރައި "މެނިޕިއުލޭޓް" ކުރުމަށް ޖަހާ ސުރުޚީތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާއެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނުންނާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށްވުރެ މާ ބޮޑުކޮށެވެ. އެގޮތުން މި ހަފްތާ ފެށުނުއިރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.10 ރުފިޔާއަށް އުފުލިފައެވެ.

ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގުތައް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *