މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ނުރައްކާ ބޮޑުވަމުންދާ ދަނޑިވަޅެއްގައި، އިސްލާމީ ތިން ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ގުޅިފައިވާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
"މައްކާ ޖޮއިންޓް ޑިޓަރެންސް އެގްރީމެންޓް" ގައި ސޮއިކުރެއްވީ ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން، ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ތިން ގައުމުގެ މެދުގައި ގުޅިފައިވާ ދިފާއީ ބާރެއް ގާއިމުކުރުމެވެ. މިގޮތުން، މި ތިން ގައުމުން ކުރެ ގައުމަކަށް ދެވޭ ހަމަލާއަކީ ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައި، އެފަދަ އުދުވާންތަކުން ދިފާއުވުމުގައި އެކުގައި މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމަކީ ތިން ގައުމުގެ މެދުގައި އޮތް ތާރީޚީ ގުޅުމާއި، އިސްލާމީ އުޚުއްވަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި މިއީ ސަރަހައްދީ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ތުރުކީގެ ރައީސް އުރުދުޣާން ހުކުރު ދުވަހު ސައުދީއަށް ވަޑައިގެންފައިވާއިރު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ގައުމުގެ އަސްކަރީ މުޝީރު އާސިމް މުނީރު ވަނީ އޭގެ އެއްދުވަސް ކުރިން ސައުދީއަށް ވަޑައިގެން އުމްރާގެ އަޅުކަން އަދާކުރައްވާފައެވެ.
މި އިއްތިހާދުގެ ސަބަބުން މެދުއިރުމަތީގެ ބާރުގެ މިނިކިރުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.






