ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4″ ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ރާޅު އަރައި ދިޔަވުމުގެ ސަބަބުން އަޑިއަށް ގޮސް، ބަޔަކު ގެއްލިގެން އެމްއެންޑީއެފް އިން ހޯދަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 8 މީހުންނާއެކު ދަތުރުކުރި އެ ދޯނި ދިޔަވަމުންދާތީ، ސިފައިންނާއި ފުލުހުން ގުޅިގެން އެ އުޅަނދު ސަލާމަތްކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.
ނަމަވެސް، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި އުޅުނު ސިފައިންގެ ބޭކަލަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ކަނޑަށް ގެއްލިފައެވެ.
މި ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން މިހާރު ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.






