ޤައުމު ހަލަބޮލިކުރަން ކުރާ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާ އެ ކަންކަމާމެދު ހުރިހާ ރައްޔިތުންވެސް ފާރަވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ގޮވާލައްވައިފި އެވެ.
އެމަނިކުފާނު އެކަމަށް ގޮވައިލެއްވީ އއ. އުކުޅަހުގައި މިރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މާލެއިން ބޭރުގައި އެ ޕާޓީން ބޭއްވި ފުރަތަމަ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމަށް ފައިދާހުރި ކަންކަމުގައި އެންމެން އެއްބަސްކިޔަން ޖެހޭ ކަމަށާ އެއީ ކުރިއަރާ ގޮސްފައިވާ ޤައުމުތަކުން ފެންނަ މަންޒަރު ކަމަށެވެ.
ނަމަވެސް ރާއްޖެއިން އެކަން އެގޮތަށް ނުފެންނާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ. ޤައުމު ހަލަބޮލިކުރަން ކުރާ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާ އެ ކަންކަމާމެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ވިސްނުމުގައި އެފަދަ ނުބައި އޮއިވަރެއްގެ ތެރެއަށް ނުދިއުމަށް އިލްތިމާސް ކުރެއްވި އެވެ.
"އެ އޮއިވަރުގެ ތެރެއަށް ދީލާލައިފިނަމަ މި ގެނެސްދީފައިވާ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ހަމަޖެހުން ޤާއިމު ކުރެއްވުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެް ކަމަށާއި ބަދަލު ހިފުމުގެ ރޫހު އެއްކޮށް ނައްތާލައްވާ ސިޔާސީ ހަމަޖެހުން އޮތް ޤައުމަކަށް ރާއްޖެ ވެފައިވާ ކަމަށެވެ.
އެއްވެސް އަސާސެއްް ނެތް ދޮގު ވާހަކަތައް ފެތުރުން އާންމުވެފައިވާ މި ދުވަސްވަރު އެކި ވާހަކަތައް ދައްކަވާ ސިޔާސީ ވެރީންގެ ވާހަކަތަކާއި މެދު ހުރިހާ ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމުގައި ރައީސް ވިދާޅުވި އެވެ. ޚާއްސަކޮށް ޒުވާނުން އެފަދަ ވާހަކަތަކާމެދު ވިސްނާ ނުރަނގަޅު މަގު އިޚްތިޔާރު ނުކުރެއްވުމަށް އިލްތިމާސް ކުރެެއްވި އެވެ. އަދި އިސްރަށްވެހީންނަކީ ޒުވާނުންނަށް މާޒީގެ ކަންކަން ހަޤީޤަތާއި އެއްގޮތަށް ކިޔައިދޭ ބަޔަކަށް ވުމަށް އިލްތިމާސް ކުރެއްވި އެވެ.
ރައީސް މިރޭ ވެސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް އިސްކުރައްވާނީ ދިވެހި ޤައުމާއި ރަނގަޅު މަގު ކަމަށެވެ. ވެރިކަމަށް ވަޑައިގެންެނެވިއިރު ދިވެހި އިގްތިސާދު ވަނީ ހަލާކުވެފައި ކަމަށާ އިޖްތިމާއީ ފޭރާން ވަނީ ވީދިފައި ކަމުގައިވެސް ވިދާޅުވި އެވެ.
އަދި ތަރައްޤީގެ މަޝްރޫއުތައް އޮތީ ހުއްޓިފައި ކަމުގައި ވިދާޅުވި އެވެ.
"ރަނގަޅު އެއްވެސް ކަމެއް ނެތޭ ބުނެވޭނެ ހާލަތެއްގައި އޮތީ،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް ދެ އަހަރާއި އަށެއްކަ މަސް ދުވަސް ފަހުން މިއަދު ޤައުމު އޮތްގޮތް ހުރިހާ ރައްޔިތުންނަށްވެސް ސާފުކޮށް ފެންނާން މި އޮތީ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވަނީ ޤައުމު ފަނާކޮށް ހަމަނުޖެހުމުގެ ތެރެއަށް ގެންދަން ފުރުސަތު ނުދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ދިވެހި އިގްތިސާދު އަލުން ބޮޑު އަދަވަޅަކަށް ވައްޓާލަން ފުރުސަތެއް ނުދެއްވުމަށް އިލްތިމާސް ކުރެއްވި އެވެ.
އެމަނިކުފާނު ވަނީ ތަރައްޤީއާ ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތް ނުުހުއްޓޭނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. އަދި ވިދާޅުވީ ރައްޔިތުން އެގޮތުގައި ކުރިއަށްދާނަމަ އޮތީ އުފާފާގަތިކަން ކަމަށެވެ.






