ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނެއްގެ ތެރެއިން، ބަލިމީހާގެ ހުއްދަ ނެތި އޭނާގެ ކުޑަދޫ ބުރިކޮށްލާފައިވާ ކަމަށް ބުނެ، ލިބުނު ޖިސްމާނީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 5 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހޯދަން ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ މާލެ، ދަފްތަރު ނަންބަރު ދރ 3043، ހުސައިން ސަލާހު ވަހީދުގެ ފަރާތުން ޓްރީޓޮޕްއާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ.
ދައުވާގައި ސަލާހުގެ ފަރާތުން ބުނެފައި ވަނީ، 13 ފެބްރުއަރީ 2023 ގައި ޓޮންސިލް އިންފެކްޝަން އުފެދިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނެއްގެ ތެރެއިން، އޭނާގެ ހުއްދައެއް ނެތި ކުޑަދޫ ބުރިކޮށްލާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1,080,000 ދިވެހި ރުފިޔާ އާއި 4,330,787.98 ޑޮލަރު ނަގައިދިނުމަށް އޭނާ އެދިފައިވެއެވެ.
މި ފައިސާއަކީ ލިބުނު ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ ބަދަލުގެ ގޮތުގައާއި، ކުރިއަށް އޮތް 53 އަހަރު އެމެރިކާގެ މާޔޯ ކްލިނިކުން ފަރުވާ ހޯދުމަށް ހިނގާނެ ކަމަށް އަންދާޒާކުރާ ހަރަދުތައް ކަމަށް ސަލާހު ދައުވާގައި ބަޔާން ކޮށްފައިވެއެވެ.
ދައުވާގެ ދިފާއުގައި ޓްރީޓޮޕޮން ބުނެފައި ވަނީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން މިފަދަ ޝަކުވާތައް ހުށަހެޅުމަށް ކަނޑައެޅިފައިވާ އިދާރީ މަރުހަލާތައް ދައުވާކުރާ ފަރާތުން ފުރިހަމަ ކޮށްފައިނުވާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލަށް ޝަކުވާ ހުށަހެޅުމަށްފަހު، އެތަނުން ދޭ ޖަވާބާމެދު ހިތްހަމަނުޖެހޭ ނަމަ، ހެލްތު މިނިސްޓްރީއަށް ނުވަތަ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްއަށް ހުށަހަޅަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ޓްރީޓޮޕުން ބުނެފައިވެއެވެ.
ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ އަބްދުއް ނާސިރު ޝާފިގު ހުކުމުގެ ރައުޔުގައި ވިދާޅުވީ ގާނޫނެއްގައި ވަކި އިޖުރާއަތެއް ނުވަތަ ނިޒާމެއް ކަނޑައެޅިފައިވާ ނަމަ، ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން އެ ނިޒާމެއްގެ ދަށުން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރުމަކީ ލާޒިމް ކަމެއް ކަމަށެވެ. ގާޒީ ވިދާޅުވީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 25 ވަނަ މާއްދާއާއި 45 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު، މި މައްސަލާގައި އެ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.
އެހެންވެ ގާޒީ ހުކުމް ކުރެއްވީ ޓްރީޓޮޕް ހޮސްޕިޓަލާ ދެކޮޅަށް ސަލާހު ހުށަހަޅާފައިވާ ދައުވާއަކީ، ކޯޓަށް ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށް ހުށަހަޅާފައިވާ ދައުވާއެއްކަން އެނގެން ނެތުމާއެކު، މިހިނދު މި މައްސަލަ ކޯޓުގައި ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މައްސަލަ ނިންމާ ކަމަށެވެ.
ސިވިލް ކޯޓުން މައްސަލަ ބޭރު ކޮށްލުމުން، ސަލާހުގެ ފަރާތުން މި މައްސަލަ ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.






