ކެނަބިސް ޓްރެފިކް ކުރި މީހަކު 19 އަހަރާއި ނުވަ މަހާއި 11 ދުވަހަށް ޖަލައްލުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
މި ހައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ، ލ.ގަން ތުނޑި، އަމްސާޕެލަސް ސައިފުﷲ ސައީދުގެ މައްޗަށެވެ.
އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާކުރީ ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައ،ި އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ކެނަބިސް ފެނިގެންނެވެ.
އެތަކެތި އޭނާގެ ޖީބުން ފެނުނީ، މ.ފެވަރިޓްކޯނާ، މުހައްމަދު ރާއިފް ހާލިދު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ބުނާމައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާ ހަވާލުވާންދާ ފަރާތެއް ހޯދުމަށް ފެވަރިޓްކޯނާ ކައިރީގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށ،ް ސައިފުالله އެ ގެ ކައިރިއަށް ގޮސް ރާއިފް ހާލިދުގެ އަތުން ޕާރުސަލެއް ހިފައިގެން ދާން އުޅުނު ވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑު ބަލާފާސްކުރުމުންނެވެ.
މި މައްސަލައިގައި ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން ސައިފުالله ކުށްވެރިވާ ކަމަށް ކަނޑައަޅައ،ި ކުރިމިނަލް ކޯޓުން ހުކުމް ކުރީ، އޭނަގެ 25 އަހަރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށެވެ. އަދި ބަންދުގައި ހުރި ދުވަސްތައް ކެނޑުމަށްފަހު، އޭނާ ތަންފީޒު ކުރަންޖެެނީ 24 އަހަރާއި 10 މަހާއި ހަ ދުވަސްކަމަށް ވެސް ނިންމިއެވެ.
ނަމަވެސް ކުރިމިނަލް ކޯޓުގެ ހުކުމާމެދު ހިތް ހަމަ ނުޖެހިގެން ސައިފުﷲ ގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލައިގައި، ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ބަލައި ހައިކޯޓުގައި އޭނާ އެދުނީ ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށްދިނުމަށެވެ. އެ އިސްތިއުނާފީ ނުކުތާއަށް ބިނާކޮށް ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރާނެ ހާލަތެއް ނެތް ކަމަށް ކަނޑައަޅާނަމ،ަ ދައުލަތުންވެސް އެއްބަސްވެފައިވާ ފަދައިން ތަންފީޒުކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތުން ބަންދުގައި ހުރި 1905 ދުވަސް، ފަސް އަހަރާއި ދެ މަހާއި 18 ދުވަސް އުނިކޮށްދިނުމަށްވެސް އެދުނެވެ.
މި މައްސަލަ ބެލުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ހުކުމް ކުރީ، ކްރިމިނަލް ކޯޓުގެ ހުކުމުގައި ސައިފުﷲ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ 24 އަހަރާއި 10 މަހާއި ހަ ދުވަސް ކަމަށް ކަނޑައަޅާފައިވާބައި ބާތިލްކޮށް، އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ 19 އަހަރާއި ނުވަ މަހާއި 11 ދުވަސް ކަމަށެވެ.






