އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސަރަހައްދުގެ ސަދަރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރަމުން ދިޔަ ކޮންސްޓަބަލް އަރްވިންދު، ޑިއުޓީގައި ހުރެ އަންހެން ޓްރެއިނީ ކޮންސްޓަބަލްއަކާއެކު ލޯބީގެ ގުޅުން ހިންގި މައްސަލައެއްގައި ސަސްޕެންޑް ކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ޕޮލިސް ސްޓޭޝަނުގެ ސީ.ސީ.ޓީ.އެން.އެސް (ކްރައިމް އެންޑް ކްރިމިނަލް ޓްރެކިންގ ނެޓްވޯކް އެންޑް ސިސްޓަމްސް) ރޫމްގެ ތެރޭގައެވެ. މި ދެމީހުންގެ އަމަލުތައް އެ ގްރޫޕްގެ ސީސީޓީވީ ކެމެރާއަށް އަރާފައިވާއިރު، ގާތްގަނޑަކަށް ތިން މިނެޓުގެ މި ވީޑިއޯ ފުޓޭޖް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި މި ވީޑިއޯ ސޯޝަލް މީޑިއާއަށް ލީކުކޮށްލާފައިވަނީ އެ ޕޮލިސް ސްޓޭޝަނުގެ އެހެން މުވައްޒަފެކެވެ.
މި މައްސަލަ ފެންމަތިވުމާއި ގުޅިގެން، އެ ސަރަހައްދުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ވިނޭ ކުމާރު ސިންގް ވަނީ ކޮންސްޓަބަލް އަރްވިންދު ވަގުތުން ސަސްޕެންޑް ކުރުމަށް އަމުރު ކުރައްވާފައެވެ. އަދި މީގެ އިތުރުން، މި ހާދިސާއާ ގުޅިގެން ފުލުހުންގެ އިދާރީ ފެންވަރުގައި ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ޚާއްޞަ ޑިޕާޓްމަންޓަލް އިންވެސްޓިގޭޝަނެއް ހިންގުމަށްވެސް އެސްޕީ ވަނީ އިރުޝާދު ދެއްވާފައެވެ.






