އީރާނާއި މިސްރު ކުޅޭ މެޗުގައި ރެއިންބޯ ފްލޭގް ބޭނުން ކުރުމުގެ ހުއްދަ ދެނީ

އީރާނާއި މިސްރު ކުޅޭ މެޗުގައި ރެއިންބޯ ފްލޭގް ބޭނުން ކުރުމުގެ ހުއްދަ ދެނީ

މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި، މިޞްރާއި އީރާން ބައްދަލުކުރާ މެޗު ކުޅޭ ސްޓޭޑިއަމް ތެރޭގައި "ރެއިންބޯ ފްލޭގް" ބޭނުން ކުރުމުގެ ހުއްދަ ދޭން ފީފާއިން ނިންމައިފިއެވެ.

އެމެރިކާގެ ސިއެޓްލްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަކީ އެ ސިޓީގައި ކުރިއަށްދާ އަހަރީ "ޕްރައިޑް ވީކެންޑް" އާ ދިމާކޮށް، އެލް.ޖީ.ބީ.ޓީ.ކިއު+ ޕްރޮމޯޓްކުރުމަށް ބާއްވާ ޚާއްޞަ މެޗެއްގެ ގޮތުގައި އެ ސިޓީގެ އޮގަނައިޒިންގ ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.

މި ނިންމުމާ ގުޅިގެން އީރާނާއި މިޞްރުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް، އެ ހަރަކާތްތައް ހުއްޓުވައިދިނުމަށް ފީފާގައި އެދިފައެވެ. ސަބަބަކީ އީރާނުގައި އެއްޖިންސުން ގުޅުން ހިންގުމަކީ ޤާނޫނީ ގޮތުން މަނާ ކަމަކަށް ވުމާއި، މިޞްރަކީވެސް އެފަދަ ކަންކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާ ޤައުމަކަށް ވުމެވެ.

ނަމަވެސް، ފީފާގެ ތަރުޖަމާނަކު ހާމަކުރި ގޮތުގައި، 2026 ގެ ވޯލްޑް ކަޕް ސްޓޭޑިއަމް ކޯޑް އޮފް ކޮންޑަކްޓް (ސުލޫކީ މިންގަނޑު) ހުއްދަކުރާ ގޮތުން، އިންސާނީ ޙައްޤުތަކާ ގުޅޭ ޢާންމު ޝުޢޫރުތަކާއި، ޖިންސީ ތަފާތުކުރުންތަކާ ދެކޮޅުކަން ހާމަކޮށްދޭ ދިދަތައް ސްޓޭޑިއަމް ތެރޭގައި ބޭނުންކުރުމުގެ އިޚްތިޔާރު ސަޕޯޓަރުންނަށް އޮންނާނެއެވެ.

މި މައްސަލައިގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ވޯލްޑް ކަޕްގައި ވަކި "ޕްރައިޑް މެޗެއް" ނޯންނާނެ ކަމަށާއި، މިއީ ސިއެޓްލް ސިޓީގެ ބޭރުގެ ޖަމްޢިއްޔާތަކަކުން އެ ދުވަސްވަރު އެ ސިޓީގައި ހިންގާ ހަރަކާތްތަކެއް ކަމަށެވެ. އަދި އެކަމާ މެޗާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެ އިންފަންޓީނޯ ވަނީ ފީފާ އެކަމުން ރެކިފައެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީރާނުގެ ކޯޗު އާމިރު ޤަލެނޮއީ ވިދާޅުވީ، އެ ބޭފުޅުންގެ މުޅި ފޯކަސް ހުރީ ހަމައެކަނި ފުޓްބޯޅައަށް ކަމަށާއި، ދަނޑުން ބޭރުގައި ހިނގާ އެއްވެސް ކަމަކަށް ވިސްނަން ބޭނުންނުވާ ކަމަށެވެ. މިޞްރުގެ ކޯޗު ޙުސާމް ޙަސަންވެސް ވަނީ އެ ވާހަކައަށް ތާއީދުކޮށް، އެ ބޭފުޅުން އިޙްތިރާމްކުރަނީ ފީފާގެ ފެއަރ ޕްލޭގެ ޤަވާއިދުތަކަށް އެކަނި ކަމަށާއި، ސަމާލުކަން ދެނީ ދަނޑުމަތީގެ ކުޅުމަށް އެކަނި ކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *