މިޞްރުގެ ނީލަ ކަނޑުއޮޅި (ނައިލް ޑެލްޓާ) ސަރަޙައްދުން، ގްރެކޯ-ރޯމަން ޒަމާނަށް ނިސްބަތްވާ، 2،300 އަހަރަށްވުރެ ގިނަ ދުވަސްވީ އާސާރީ ސަރަޙައްދަކާއި ގަބުރުސްތާނެއް ހޯދައިފިއެވެ.
މިޞްރުގެ އުތުރުގައި އޮންނަ ބެހެއިރާ ޕްރޮވިންސްގެ "ޓެލް ކޮމް އަޒީޒާ" ކިޔާ ސަރަޙައްދަކުން ފެނުނު މި ކަށިތަކާއި އާސާރީ ތަކެއްޗަކީ ޢީސާގެފާނުގެ މީލާދުގެ 332 އަހަރު ކުރިން ފެށިގެން މީލާދީން 395 އާ ދެމެދުގެ ދުވަސްވަރަށް ނިސްބަތްވާ ތަކެއްޗެވެ. މި ހޯދުމުގެ ސަބަބުން ގާތްގަނޑަކަށް 600 އެއްހާ އަހަރުގެ ތެރޭގައި އެ ސަރަޙައްދުގައި މީހުން ވަޅުލުމުގެ އާދަކާދަތަކަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް މަގުފަހިވެގެންދާނެއެވެ.
މިޞްރުގެ ޓޫރިޒަމް އެންޑް އެންޓިކުއިޓީސް މިނިސްޓްރީގެ މީޑިއާ އެޑްވައިޒަރު ނެވީން އަލް-އާރިފް ވިދާޅުވި ގޮތުގައި، މިއީ ވަރަށް މުހިންމު ހޯދުމެކެވެ. ސަބަބަކީ ކުރިން މީހުން ދިރިއުޅުނު ރަށެއް ޒަމާންތަކަކަށްފަހު ބޮޑު ގަބުރުސްތާނަކަށް ބަދަލުވެގެންދިޔަ ގޮތް މި ސަރަޙައްދުން ވަރަށް ސާފުކޮށް ފެންނަން ހުރުމެވެ.
އާސާރީ ކޮނުންތަކުން އެނގުނު ގޮތުގައި، އެކި ދުވަސްވަރު މީހުން ވަޅުލާފައިވަނީ ތަފާތު ގޮތްގޮތަށެވެ. އޭގެ ތެރޭގައި:
* އާދައިގެ ކޮނުމަކަށްފަހު ބިމުގައި ސީދާ ވަޅުލުން.
* އުނދުނުން ފިހެފައިވާ މަށީގެ ގައު) ބޭނުންކޮށްގެން ވަށައިގެން ފާރުލާފައިވާ ކައްވަޅުތަކުގައި ވަޅުލުން.
* ކުލަޖައްސާފައިވާ ޕްލާސްޓަރު ސަންދޯއްތަކުގައި ވަޅުލުން.

ބައެއް މީހުން ވަޅުލާފައިވަނީ ވަކިވަކިންނެވެ. އަދި ބައެއް ކައްވަޅުތަކުން އެކަކަށްވުރެ ގިނަ މީހުންގެ ކަށިތައް ފެނިފައިވެއެވެ. މީހުން ބާއްވާފައިވާ މިސްރާބުވެސް އުތުރުން ދެކުނަށް އަދި އިރުން ހުޅަނގަށް ހުއްޓެވެ.
ކަށިތައް ބާއްވާފައިވާ ގޮތުން، އަތްތިލަ އޮތް ގޮތްވެސް ތަފާތެވެ. ބައެއް މީހުންގެ އަތް އޮތީ އުނަގަނޑާ ދިމާލުން ބަނޑުމަތީގައި ބާއްވާފައެވެ. އަދި އަނެއް ބައެއް މީހުން ބާއްވާފައިވަނީ މޭމަތީގައި އަތް ބާއްވައިގެން އެވެ. މި ތަފާތުތަކަކީ އެ މީހުންގެ މާލީ ތަނަވަސްކަމުގެ ތަފާތު ނުވަތަ ދީނީ އަޅުކަންތަކަށް އައި ބަދަލުތަކެއްގެ ސަބަބުން ވީގޮތެއް ކަމަށް ބެލެވެއެވެ.
މި ހޯދުމުގެ ތެރެއިން އެންމެ ޚާއްޞަ އެއް ކަމަކީ، ދެ ވަލު އޫރުގެ ފުރިހަމަ ކަށިގަނޑު އެ ސަރަޙައްދުން ފެނުމެވެ. މިއީ މިޞްރުގެ އާސާރީ ސަރަޙައްދުތަކުން ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. ގަދީމީ މިޞްރުގެ އަސާޠީރުތަކުގައި ، ވަލު އޫރަކީ ހަލަބޮލިކަމާއި އަނިޔާވެރިކަމަށް ރަމްޒުކޮށްދޭ "ސެތު" ކިޔާ ކަލާނގެއަކާ ގުޅުވައިދޭ އެއްޗެކެވެ. މި ތަކެތި ވަޅުލާފައިވަނީ ގަސްތުގައި ދީނީ ކަމެއްގެ ގޮތުންތޯ ނުވަތަ އާދައިގެ ދިރިއުޅުމުގެ ބައެއްގެ ގޮތުންތޯ ބެލުމުގެ ދިރާސާތައް މިހާރު ދަނީ ކުރަމުންނެވެ.

މި ސަރަޙައްދުން ގަދީމީ މިޞްރުގެ "އޯލްޑް ކިންގްޑަމް" (މީލާދުގެ 2686 އާއި 2181 އަހަރު ކުރިން – ބޮޑެތި ފިރަމިޑްތައް ހެދި ދުވަސްވަރު) އަށް ނިސްބަތްވާ މަށީގެ ތަކެތީގެ އެތިކޮޅުތައް ވެސް ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ތެރޭގައި އާދައިގެ ދިރިއުޅުމުގައި ބޭނުންކުރާ ޖާޑި، ފާރޮށި ފިހަން ބޭނުންކުރާ ޒާތުގެ އެއްޗިހި އަދި ކުދި ތަށިތައް ހިމެނެއެވެ.
މި ހުރިހާ ހޯދުންތަކުން ދޭހަވަނީ، މި ސަރަޙައްދަކީ ހަމައެކަނި ސަތޭކަ އެއްހާ އަހަރު ނޫން ކަމަށާއި، އެތައް ހާސް އަހަރަކަށް ދެމިގެންދިޔަ އިންސާނީ ޙަޟާރާތެއްގެ ބޮޑު މަރުކަޒެއް ކަމެވެ. މިޞްރުގެ އާސާރީ ކޮމިޓީން ބުނާގޮތުގައި އެ ސަރަޙައްދު އިތުރަށް ކޮނުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.






