ހެނދުނު ހޭލާ ގޮތަށް، އެލާމް ކެނޑުމާއެކު ނުވަތަ އަވަސްއަރުވާލާފައި އެނދުން ފުންމައިގެން ތެދުވުމަކީ ގިނަ ބައެއްގެ އާދައެކެވެ. ނަމަވެސް، މިއީ ބުރަކަށީގެ ކަށިތަކަށާއި ޑިސްކު ތަކަށް ނޭދެވޭ ބޮޑު އަސަރެއް ކޮށްފާނެ ކަމެއް ކަމަށް ކަށީގެ ބަލިތަކާ ބެހޭ މާހިރުން މިހާރު އަންނަނީ އިންޒާރު ކުރަމުންނެވެ.
އެންޑޯސްކޯޕިކް ނިއުރޯ-ސްޕައިން ސާޖަން ޑރ. ޗަންދުރަތޭޖް ކަދަމް ހާމަކުރެއްވި ގޮތުގައި، ރޭގަނޑުގެ ނިދިން ހޭލާއިރު އިންސާނާގެ ބުރަކަށި ހުންނާނީ ގުދުރަތީ ގޮތުން ހަރުވެފައެވެ. އެހެންކަމުން، ހޭލާ ގޮތަށް ކުއްލިއަކަށް ތެދުވުމަކީ ބުރަކަށީގެ ޑިސްކުތަކަށް ބޭކާރު ޕްރެޝަރެއް ލިބި، ރިއްސުންތަކަށް މަގުފަހިވާނެ ކަމެކެވެ.
އޭޝިއަން ހޮސްޕިޓަލުގެ ނިއުރޯސާޖަރީ ޑިރެކްޓަރު ޑރ. މުކޭޝް ޕާންޑޭ ކިޔައިދެއްވި ގޮތުގައި، ރޭގަނޑު ގިނައިރު އޮށޯވެގެން އޮތުމުން ބުރަކަށީގެ ކަށިތަކުގެ ދެމެދުގައި ހުންނަ ޑިސްކުތަކަށް 'ރީހައިޑްރޭޝަން' ގެ މަރުހަލާއެއް ހިނގައެވެ.
ދުވާލު ވަގުތުތަކުގައި ހިނގާބިނގާވެ އުޅޭއިރު ހަށިގަނޑުގެ ބަރުދަނާއި ދަމާބާރުގެ ސަބަބުން މި ޑިސްކުތައް ފިތި، އޭގެއިން ފެންމަދުވެއެވެ. ނަމަވެސް، ރޭގަނޑު އޮށޯތުމުން އެ ޕްރެޝަރު ކެނޑި، ޑިސްކުތަކަށް އަލުން ފެން ދަމައިގަނެ، ފަލަވެއެވެ. (ހެނދުނު ތެދުވާއިރު އިސްކޮޅު ކުޑަކޮށް ދިގުހެން ހީވަނީ މިހެންވެއެވެ).
މިގޮތަށް ފެން ގިނަވުމުން، ހެނދުނު ހޭލާ ވަގުތު ޑިސްކުތަކުގެ އެތެރޭގެ ޕްރެޝަރު މަތިވެ، ލެނބުމުގެ ގާބިލުކަން ކުޑަވެއެވެ. މީގެ އިތުރުން ރޭގަނޑު ގިނައިރު ހަރަކާތެއް ނެތި އޮތުމުން، ބުރަކަށީގެ މަސްތަކާއި ހުޅުތައް ހުންނާނީ ބާރުވެފައެވެ.
އެހެންކަމުން، ޑިސްކުތަކުގައި ޕްރެޝަރު ބޮޑުވެ، މަސްތައް ހަރުވެފައި ހުންނަ ވަގުތެއްގައި ކުއްލިއަކަށް ތެދުވެ ބަރުދަން އެޅުމުން މަސްތަކަށް ވާންވެ، ކުރިން ހުންނަ ބުރަކަށީގެ މައްސަލަތައް އިތުރަށް ގޯސްވެއެވެ.
ޑރ. މުކޭޝް ޕާންޑޭ ލަފާދެއްވަނީ ހޭލުމަށްފަހު ތެދުވުމުގެ ކުރިން ހަށިގަނޑަށް 1 ނުވަތަ 2 މިނެޓުގެ ވަގުތުކޮޅެއް ދިނުމަށެވެ. އެގޮތުން ކުރެވިދާނެ ކަންކަމަކީ:
1. ލަސްލަހުން ހަރަކާތް ކުރުން: އެނދުން ތެދުވުމުގެ ކުރިން ފައިގެ ހުޅުތަކާއި، ކަކުލާއި، އުނަގަނޑާއި، ކޮނޑު އަދި ކަރު ކުޑަކޮށް ހަލުވާލާށެވެ. މީގެ ސަބަބުން ލޭދައުރުވުން ރަނގަޅުވެ މަސްތައް ހޭލައްވާލާނެއެވެ.
2. އެއްއަރިއަކަށް ފުރޮޅުން: އޮށޯވެ އޮތްގޮތަށް ސީދާ މައްޗަށް ތެދުވުމުގެ ބަދަލުގައި، އެއްއަރިއަކަށް ފުރޮޅިލާށެވެ. އަދި ކަކޫ ކުޑަކޮށް ލަންބާލުމަށްފަހު، އަތުގެ އެހީގައި ހަށިގަނޑު މައްޗަށް ހިއްލާލައި އިށީންނާށެވެ. މިއީ ބުރަކަށީގެ ތިރިއަށް ދޭ ޕްރެޝަރު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެކެވެ.
3. އެނދުގެ އަރިމަތީގައި މަޑުކޮށްލުން: އިށީނުމަށްފަހު އެނދުގެ އަރިމަތީގައި ފައި އެލުވާލައިގެން މިނެޓެއްހާ އިރު މަޑުކޮށްލާށެވެ. މިއީ ބޯ އެނބުރުމުން ސަލާމަތްވުމަށާއި ހަށިގަނޑު ހަމައަކަށް އެޅުމަށް އެހީވެދޭނެ ކަމެކެވެ.
4. ބާރަށް ކަސްރަތު ނުކުރުން: ހޭލާ ގޮތަށް ބުރަކަށި ގުދުކޮށް ބާރަށް ސްޓްރެޗް ކުރަން ނޫޅޭށެވެ. އޭގެ ބަދަލުގައި ކުޑަކޮށް ހިނގާލުމުން ނުވަތަ މަޑުމަޑުން ކޮނޑު އަދި އުނަގަނޑު އަނބުރާލުމުން ފުދޭނެއެވެ.






