ކަނޑުގެ އަޑިޔަކީ ނުރައްކާތެރި ގިނަ ދިރުންތަކެއް އުޅޭ ތަނެކެވެ. ބައެއް ފަހަރު އެންމެ ބޮޑު ނުރައްކާތަކާ ކުރިމަތިލާން ޖެހެނީ އެންމެ ކުދި އަދި ރީތި ތަކެތިންނެވެ. މިގޮތުން ބަލާއިރު، "ކޯން ސްނެއިލް" ނުވަތަ "ކޯން ކަނޑު ފިނިހަކަ" އަކީ ބަލާލަން ރީތި ނަމަވެސް، އޭގެ ފުށުން އިންސާނުންގެ ފުރާނައަށް ނުރައްކާވެދާނެ އެއްޗެކެވެ.
ހޫނު ސަރަހައްދުތަކުގެ ކަނޑުތަކުގައި އާންމުކޮށް އުޅޭ މި ފިނިހަކައިގެ ބޭރު ތޮށިގަނޑު ވަރަށް ރީއްޗެވެ. މުށި، ހުދު އަދި ކަޅު ކުލައިގެ ކުރެހުންތަކެއް ހުންނަ މި ފިނިހަކައިގެ ރީތި ކަމުން، ގިނަ މީހުންނަށް މިއީ ނުރައްކާތެރި އެއްޗެއްކަން ނޭނގި އޭގައި އަތްލެވެއެވެ. ނަމަވެސް މި ރީތި ތޮށިގަނޑުގެ އެތެރޭގައި ވަނީ ވަރަށް ނުރައްކާތެރި ހަތިޔާރެކެވެ.
މި ފިނިހަކައިގެ ކިބައިގައި ޝިކާރަ ކުރުމަށް ވަރަށް ފުރިހަމަ ނިޒާމެއް އެކުލެވިގެން ވެއެވެ. އޭގެ ހަށިގަނޑުގައި ހުންނަ ތޫނު ކައްޓެއް ނުވަތަ ދަތެއްގެ ބޭނުން ކޮށްގެން، ޝިކާރަ ކުރުމަށް ނުވަތަ އަމިއްލަ ދިފާޢުގައި ހަމަލާދެއެވެ. މި ހަމަލާދެނީ ވަރަށް ހަލުވިކަމާއެކުގައެވެ. ކަށި ޖަހާއިރު އިންސާނާގެ ހަށިގަނޑަށް ފޮނުވާލާ ވިހައިގެ ސަބަބުން ނާރުތަކުގެ ނިޒާމަށް ސީދާ އަސަރު ކުރެއެވެ.
މި ވިހައިގައި އެކުލެވޭ "ކޮނޯޓޮކްސިންސް" ގެ ސަބަބުން ކަށިޖަހާ ތަނުގައި ރިއްސަން ފެށުމަށްފަހު، ހަށިގަނޑު އައްސިވެ، މަސްތަކުގެ ބާރުދެރަވެ، އަދި ބައެއް ފަހަރު ވާގިނެތުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މީގެ ތެރެއިން ޚާއްސަކޮށް "ޖިއޮގްރަފީ ކޯން ސްނެއިލް" އަކީ އޭގެ ވިހަގަދަކަމުން އެންމެ ނުރައްކާތެރި އެއް ބާވަތެވެ.
މި ފިނިހަކައަށް "ސިގިރެޓް ސްނެއިލް" އޭ ކިޔަނީ ސަބަބެއް ނެތިއެއް ނޫނެވެ. މިހެން ކިޔަނީ އޭގެ ވިހައިގެ އަސަރު ހަށިގަނޑަށް ކުރާލެއް އަވަސް ކަމުންނެވެ. ބުނެވޭ ގޮތުގައި މީގެ އެއްޗެއް ކަށި ޖަހައިފިނަމަ، މީހެއްގެ ފުރާނަ ދިއުމުގެ ކުރިން ނުވަތަ ހާލަތު ގޯސްވުމުގެ ކުރިން ލިބޭނީ އެންމެ ސިގިރެޓެއް ބޯލާނެހާ މަދު ވަގުތުކޮޅެކެވެ.
މިއީ ފުރާނައަށް ނުރައްކާވާ އެއްޗަކަށްވާއިރު، ގިނަ ބާވަތްތަކުގެ ކޯން ސްނެއިލްގެ ވިހައަށް ދޭނެ ވަކި ޚާއްސަ އެންޓިވެނަމް އެއް އާންމުކޮށް ލިބޭކަށް ނުހުރެއެވެ. އެހެންކަމުން މީގެ އެއްޗެއް ކަށިޖަހައިފިނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.
މިއީ ރާއްޖެއިންވެސް ފެންނަ އެއްޗެކެވެ. ނަމަވެސް މިއީ އިންސާނުންނަށް ގަސްތުގައި ހަމަލާދޭން އުޅޭ އެއްޗެއް ނޫނެވެ. ގިނަ ފަހަރަށް މިފަދަ ހާދިސާތައް ހިނގަނީ މޫދު ތެރޭގައި އުޅޭއިރު ނޭނގި އަތްލެވުމުގެ ސަބަބުންނެވެ. އެހެންކަމުން، މޫދަށް އެރިއުޅޭއިރު ރީތި ބޮއްޔެއް ނުވަތަ ފިނިހަކައެއް ފެނުނު ކަމުގައިވިޔަސް، އޭގައި އަތްނުލައި ދުރުން ބަލާލުން މާ ރައްކާތެރިވާނެއެވެ.






